ތިޔަ ލޯތްބާ ދުރަށް: މަރީގެ 40 ވަނަ ވާހަކަ

ފިލްމު ތިޔަ ލޯތްބާ ދުރަށް، ޝޫޓިންގެ ތެރޭ ގައި ޑައިރެކްޓަރު މަރީ، ލީޑުރޯލުން ފެނިގެންދާ އަޒޭ، މަލް އަދި ކެމެރާމަން އައްޔަ --

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)، އޭ ބުނުމުން ނޭނގޭ މީހަކު ރާއްޖޭގައި މަދުވާނެއެވެ. އޭނާގެ އިބްރަތްތެރި ވާހަކަތައް ގިނަބަޔަކަށް ކަމުގޮސްފައި ވާއިރު، މަރީ ލިޔެފައިވާ އަސަރުގަދަ ވާހަކަ ތަކުން އެތައް ބައެއްގެ ހިތާވަނީ ކުޅެލައިފައެވެ.

ލޯބީގެ އަސަރު ގަދަ ވާހަކަތަކުގެ މައްޗަށް ތަފާތު ފިލްމު ތަކެއް މީގެ ކުރިން މަރީ އުފައްދާފައިވީ ނަމަވެސް "ތިޔަ ލޯތްބާ ދުރަށް" އަކީ މަރީ ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމެވެ. އަދި މަރީގެ 40 ވަނަ ވާހަކަ ވެސް މެއެވެ.

މަރީގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލް ޑައިރެކްޓް ކުރި "ސިއްރު"ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް މަރީ އަދި މިހާތަނަކަށް ފީޗާ ފިލްމެއް ޑައިރެކްޓެއް ނުކުރެއެވެ.

ނަމަވެސް އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާ ފިލްމުން އެކަން ވެސް ބަދަލުވެގެން ދާނެއެވެ. މަރީގެ 40 ވަނަ ވާހަކަ ފިލްމެއްގެ ޒަރިއްޔާއިން ބެލުންތެރިންނަށް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަން ގައިމެވެ.

އަވަށްޓެރި ލަންކާގައި ދިރިއުޅެމުން ގެންދާ މަރީ ބުނީ "ތިޔަ ލޯތްބާ ދުރަށް" އަކީ ވަރަށް ހިތްހަމަ ޖެހިގެން ނިންމާލެވުނު ޕްރޮޖެކްޓެއްކަމަށެވެ.

މަރީ ބުނީ ފިލްމުގައި ހަރަކާތްތެރިވި "ހުރިހާ ތަރިންގެ އެކްޓިން އާ މެދު ވަރަށް ހިތްހަމަ ޖެހޭ،" ކަމަށެވެ.

"ފިލްމުގެ ކާސްޓުންނާ މެދު ވަރަށް ހިތް ހަމަޖެހޭ. ހުރިހާ ތަރިންނާ އެކީ ވެސް މަސައްކަތް ކޮށްލަން ވަރަށް ފަސޭހަ. މުޅި ޓީމަކީ ވެސް ވަރަށް ސަޕޯޓިވް ވަރަށް ގުޅޭ ޓީމެއް،" މަރީ ސަންއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ކުޅަދާނަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އާއި ކުރިއަރަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. ފިލްމުގެ ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ފެނިގެންދާނެއެވެ.

މިއީ ލޯތްބާ ހިތާމަ އެކުލެވިގެންވާ، ތިނެސްކަން ލޯބީގެ މައްޗައް އުފައްދާފައިވާ ފިލްމެކެވެ.

ދިވެހި ސިނަމާއަށް ވަންނަ މީހުން ބަލާހިތްވާފަދަ ފިލްމަކަށް "ތިޔަ ލޯތްބާ ދުރަށް" ވާނެ އެވެ.

comment ކޮމެންޓް