ޝައިނީގެ ރައްދު ދުންޔާއަށް: އެހެން ކުށްވެރިންނަކާ މައުމޫން ތަފާތެއް ނުކުރެވޭނެ

ރައީސް މައުމޫން ދޫކޮށްލުމަށް ދުންޔާ ގޮވާލެއްވުމުން ޝައިނީ ވަނީ އެކަމަށް ރައްދު ދެއްވައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ގޮވާލައްވާފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަދި ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް ދޫކޮށްލުމަށް ދުންޔާ މައުމޫން ގޮވާލެއްވުމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެކަމަށް ރައްދު ދެއްވައިފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ، އެމަނިކުފާނު ދިރިއުޅުއްވި އެންދެރިމާގޭގެ ދޮރުވައްޓާލުމަށް ފަހު އެވެ. މައުމޫން ހައްޔަރުކުރި ފަހުން ހަފްތާއެއް ވާން ކައަރިވެފައިވަނިކޮށް އެމަނިކުފާނު ދޫކޮށްލުމަށާއި އައީލާ އަދި ވަކީލުންނާ ބައްދަލުކޮށް އެކަށީގެންވާ ބެސްފަރުވާ ފޯރުކޮށްދިނުމަށް ދުންޔާ ވަނީ މިއަދު ގޮވާލައްވައިފަ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުންޔާ ކުރި ޓުވީޓަށް ރައްދު ދެއްވައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިސް ބޭފުޅެއްކަމަށްވާ އަދި އޯލް ޕާޓީ ޓޯކްސްގެ ޗެއާމަން ޝައިނީ ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރިޝްވަތު ދިނުމާއި ބަޣާވާތަކުން ސަރުކާރުން ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެ ތުހުމަތުގައި ހައްޔަރުކުރާ އެހެން ކުށްވެރިންނާއި ރައީސް މައުމޫންއާ ތަފާތުގޮތަކަށް ކަންތައްކުރަން ޖެހެނީ ކީއްވެތޯ ކަމަށް ވިދާޅުވެ ޝައިނީ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"މި ދަނޑިވަޅުގައި ކަންކަން ހައްލުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންތައްތަކަށް ހުރަސް ނާޅުއްވާ،" ޝައިނީ ވިދާޅުވި އެވެ.

މައުމޫނަށް އެކަށީގެންވާ ބޭސްފަރުވާ އާއި ވަކީލުންނާ ބައްދަލުނުކުރެވޭ ކަމަށް ދުންޔާ ވިދާޅުވެފައިވުމުން ޝައިނީ ވަނީ އެކަމަށް ވެސް ރައްދުދެއްވައިފަ އެވެ. ޝައީނީ ވިދާޅުވީ އޯލް ޕާޓީ ޓޯކްސްގެ ޗެއާގެ ހައިސިއްޔަތުން ދުންޔާ ދެއްކެވި ވާހަކަފުޅު ކުށްވެރިކުރާ ކަމަށެވެ.

"ތަހުގީގަށް ވެސް މައުމޫން އެއްބާރުލުމެއް ނުދޭ. ނަމަވެސް ވަކީލުންނާއި ބޭސްފަރުވާއަށް އެދޭ ކޮންމެ ފަހަރެއްގައި އެ ފުރުސަތު ދެމުން މިދަނީ،" ޝައިނީ ވިދާޅުވި އެވެ.

ތަހުގީގަށް ރައީސް މައުމޫން އެއްބާރުލުން ނުދޭ ކަމަށް ޝައިނީ ވިދާޅުވެފައިވާ އިރު ރައީސް މައުމޫނުގެ އަރިސް ބޭފުޅަކު ވިދާޅުވީ އެމަނިކުފާނަށް ފުލުހުން ކޮށްފައިވާ ހުރިހާ ތުހުމަތުތަކަކަށް ވެސް ވަނީ އިންކާރުކޮށްފައި ކަމަށާއި ތަހްގީގަށް އެއްބާރުލުން ދިނުމަކީ ފުލުހުންގެ ތުހުމަތުތަކަށް އެއްބަސްވުން ކަމަށް ނުދެކޭ ކަމަށެވެ.

comment ކޮމެންޓް