އުތުރު ކޮރެއާގެ ޗިއާ ލީޑަރުންނަށް އެންމެން ހިތް ކިޔައިފި!

ދެކުނު ކޮރެއާގެ ޕިއޮންގްޗެންގްގައި ކުރިއަށްދާ ވިންޓާ އޮލިމްޕިކްސްގައި އެންމެ ވަރުގަދަ 'ލަވް ސްޓޯރީ' އަކަށް ފާހަގަކުރެވެނީ ހަތުރުވެރި ދެ ކޮރެއާއެވެ. އޮލިމްޕިކްސްއާއެކު ދެ ކޮރެއާގެ ތާރީހުގައި ޒަމާނަކުވެސް ނުފެންނަ ވަރުގެ ތާރީހީ އެކުވުންތަކެއް ފެނިއްޖެއެވެ.

ދެެ ކޮރެއާގެ ކުޅުންތެރިން އެއްކޮށް އޮލިމްޕިކްސްގައި ވާދަކުރުމުގެ އިތުރުން އެންމެ ފާހަގަކޮށްލެވުނީ ވިންޓާ އޮލިމްޕިކްސް 2018ގެ ފެށުމުގެ ރަސްމިއްޔާތުގައި އެއް ދިދައެއްގެ ދަށުގައި ދެ ކޮރެއާ ހިނގާލުމެވެ. މީގެެ އިތުރުންވެސް ދެކުނު ކޮރެއާގެ ރައީސް މޫ ޖައި އިންއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ކޮއްކޯފުޅު ކިމް ޔޯ ޔޮންގް ސަލާމްކޮށްލި ވަގުތުކޮޅުވެސް ވެގެންދިޔައީ ވިންޓާ އޮލިމްޕިކްސްއިން ފާހަގަވި ކޮރެއާ 'ލަވް ސްޓޯރީ'ގެ ބަޔަކަށެވެ.

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖައިއިންއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ކޮއްކޮފުޅު ކިމް ޔޯ ޔޮންގްއާއި ސަލާމްކުރައްވަނީ --- ފޮޓޯ/ އޭޕީ

މިފަހަރުގެ ވިންޓާ އޮލިމްޕިކްސްއަށް އުތުރު ކޮރެއާގެ ހާއްސަ ވަފުދެއް ދެކުނަށް ފޮނުވައިފައިވާ އިރު، އެންމެ ފާހަގަކޮށްލެވުނީ 230 ޗިއާ ލީޑަރުންނެވެ. ރީތި ޒުވާން ޗިއާ ލީޑަރުންގެ ޓީމުން ވަނީ މުޅި ވިންޓާ އޮލިމްޕިކްގެ ޖޯޝު އާކޮށްލައިފައެވެ. ގިނަ ސަޕޯޓަރުންނަށް ނުތިބެވިގެން ޗިއާ ލީޑަރުންގެ ހަރަކާތްތަކުގައި ބައިވެރިވާ އިރު، ޗިއާ ލީޑަރުންގެ ގްރޫޕަށް އެންމެން ހިތް ކިޔައިފިއެވެ.

ކޮންމެ މެޑަލް ރަސްމިއްޔާތެއްގެ އިތުރުން ކޮރެއާ ވާދަކުރާ ކޮންމެ ކުޅިވަރަކުންވެސް ވަރަށް ބޮޑަށް ފާހަގަކުރެވޭ ޗިއާ ލީޑަރުންގެ ޓީމަކީ އެކަމުގައި ޕްރޮފެޝަނަލް ޓީމެކެވެ. ރީތިކަމާއި ހުނަރަށް ބަލައި، މީހުން ހޮވާފައިވާ ޓީމުގެ ހަރަކާތްތައް ބޮޑަށް ވައްތަރީ ސޮފްޓްވެއާއެއްގެ އެހީގައި 'ސިންކް' ކޮށްފައިވާ ހަރަކާތްތަކަކާއެވެ.

އުތުރު ކޮރެއާގެ ޗިއާ ލީޑަރުންގެ ޓީމަކީ ހަމައެކަނި ނެށުމުގެ ހަރަކާތްތައް ދައްކާލާ ޓީމެއްވެސް ނޫނެވެ. އެއް ހަމައެއްގައި އެއް ރާގެއްގައި ލަވަކިޔަންވެސް މިވަރެއް ނެތެވެ.

އޮލިމްޕިކްގެ ފުރަތަމަ މެޑަލް ސްވިޑަންގެ ސްކައިތުލޯން އެތުލީޓް ޗާލެޓް ކައްލާ ހޯދާފައިވާ އިރު، އޭނާއަށް މެޑަލް ދިން ރަސްމިއްޔާތުގައި ފުރަތަމަ ފަހަރަށް ޗިއާ ލީޑަރުންގެ ގްރޫޕް ފެނިލުމާއެކުވެސް މުޅި ސްޓޭޑިއަމް ކައްކުވާލިއެވެ. އަދި ކޮރެއާއިން ކުޅުނު އައިސް ހޮކީ މެޗުގައި ޗިއާ ލީޑިން ގްރޫޕް ދެއްކި ތަފާތުކަމާއެކު މުޅި މީސް މީޑިއާވެސް އެކަމަށް ލޯ ހުއްޓުވާލިއެވެ.

ރަތް ކުލައިގެ ހެދުމުން ދައްކުވާލައި ޗިއާ ލީޑަރުންގެ ގްރޫޕް އަންނަނީ މުޅި އޮލިމްޕިކްސްއަށް ދިރުން ގެނެސްދެމުންނެވެ.

comment ކޮމެންޓް