ލަކްސް ސައުތު ރިސޯޓުން ތެލެސީމިއާ ފަންޑަށް 8000 އެމެރިކާ ޑޮލަރުގެ އެހީއެއް!

ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގެ "ޓްރީ އޮފް ވިޝަސް" ހަރަކާތަށް އެ ރިސޯޓުގެ ފަތުރުވެރިން ހަދިޔާކުރި ފައިސާ މޯލްޑިވިއަން ތެލެސީމިއާ ފަންޑާ ހަވާލުކުރަނީ --- ފޮޓޯ/ މޯލްޑިވްސް އިންސައިޑާ

އދ.ގައި އޮންނަ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގެ ފަރާތުން މޯލްޑިވިއަން ތެލެސީމިއާ ފަންޑަށް 8000 އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފި އެވެ.

މިއީ "ޓްރީ އޮފް ވިޝަސް"ގެ ނަމުގައި އެ ރިސޯޓުގައި ހަފްތާއަކު ދެ ދުވަހު ކުރިއަށްގެންދާ ހަރަކާތަކަށް އެ ރިސޯޓުގެ ޓޫރިސްޓުން ހަދިޔާކުރި ފައިސާއެވެ.

ޖަޕާނުގެ ގަދީމީ ފެސްޓިވަލެއް ކަމަށްވާ ތަނަބަތާ ފެސްޓިވަލު އަސްލަކަށް ބަލައިގެން ކުރިއަށްގެންދާ "ޓްރީ އޮފް ވިޝަސް" ހަރަކާތުގައި ކޮންމެ ފަތުރުވެރިއަކު ވެސް އެމީހަކު އުއްމީދު ކުރާ ނުވަތަ ހުވަފެނެއް ފޮތި ކޮޅެއްގައި ލިޔުމަށްފަހު ކަނޑައަޅައި، އަދި ވަކި ނިކަ ގަހެއްގެ ގޮފިތަކުގައި ފޮތި އައްސައެވެ.

އެއަށްފަހު އެމީހަކު ބޭނުންނަމަ ގަސް ކައިރީގައި ބަހައްޓާފައި ހުންނަ ހާއްސަ އެއްޗަކަށް ކޮންމެވެސް ވަރެއްގެ އެހީއެއް ލުމުގެ ފުރުސަތު އޮވެއެވެ. އަދި އެއިން ލިބޭ ފައިސާ ހަދިޔާ ކުރާނީ ރާއްޖޭގެ ކޮންމެވެސް ޗެރިޓީ ޖަމިއްޔާއަކަށެވެ.

ލަކްސް ސައުތު ރިސޯޓުން ބުނި ގޮތުގައި، "ޓްރީ އޮފް ވިޝަސް"ގެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ފަތުރުވެރިއަކު ވެސް އޮޓަމެޓިކުން ލަކީ ޑުރޯއެއްގައި ބައިވެރިވެވޭނެއެވެ.

އަދި އެ ލަކީ ޑްރޯއިން ގުރުއަތުން ހޮވޭ ކޮންމެ ވެސް އެއް ނަސީބުވެރިއަކަށް ލަކްސް ރިސޯޓްސް އަދި ހޮޓެލް ޕޯޓްފޯލިއޯގައި ހިމެނޭ ކޮންމެވެސް އެއްތަނެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބެއެވެ.

ލަކްސް ސައުތު ރިސޯޓުން ތެލަސީމިއާ ފަންޑަށް ފައިސާ ހަދިޔާ ކުރުމުގެ އިތުރުން ތެލެސީމިއާ ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް އެހީވުމުގެ ގޮތުން ވަނީ ދެ ފަރާތުގެ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އަދި ރިސޯޓުގެ ފަރާތުން ތެލަސީމިއާ ފަންޑަށް ހަދިޔާކުރި ފައިސާއިން ތެލެސީމިއާގެ އިތުރު ޕޭޝަންޓުންނަށް އެހީވުމަށާއި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގުމަށް އެހީއަކަށް ވެގެންދާނެ ކަމަށް އެ ފަންޑުން ބުނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނެއްގައި 30 މިނެޓުން ދެވޭ ދުރުމިނެއްގައި އޮންނަ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓަކީ ރާއްޖޭގައި އޮންނަ އެންމެ ހިތްގައިމު އެއް ރިސޯޓެވެ.

comment ކޮމެންޓް