ނަޝީދަށް ލަނޑު ދިނުމަށް ފަހު ޖޭޕީ ވަރަށް އަވަހަށް ކޯލިޝަނުން ނުކުންނާނެ: އަދުރޭ

ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)-- ސަން ފައިލް ފޮޓޯ/ ފަޔާޒު މުސާ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލަނޑުދިނުމަށް ފަހު ޖުމުހޫރީ ޕާޓީ (ޖޭޕީ) ވަރަށް އަވަހަށް އިދިކޮޅު ކޯލީޝަނުން ނުކުންނާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ބަޔަކު ޖޭޕީއާ ގުޅުމުން އެ ޕާޓީއަށް އަމިއްލައަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި އެހެން ކަމުން ވަރަށް އަވަހަށް ރައީސް ނަޝީދަށް ލަނޑު ދިނުމަށް ފަހު ކޯލީޝަނުން އެ ޕާޓީ ނުކުންނާނެ ކަމަށެވެ.

"ކުރީގެ ނައިބު ރައީސް ޖަމީލު އާއި މަލީހު އާއި އަމީނު ޖުމުހުރީ ޕާޓީއާ ގުޅުމާ އެކު ގާސިމް އިބްރާހިމަށް ހީވެއްޖެ އާން ދެން ތިމަންނަ އެކަނި ނުކުމެގެން މިކަން ވެދާނެއޭ. [އެހެން] ހީވެގެން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި މިމީހުން ވަރަށް އަވަހަށް ފުޅާ ކޯލިޝަނުން ނުކުންނާނެ އަންނިއަށް ލަނޑުދީފައި،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ޖޭޕީން މަސައްކަތް ކުރަނީ ދިވެހި ގައުމަށް ހެޔޮއެދޭ ބަޔަކަށް ވުމަށް ކަމަށާއި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ހަގީގަތަކީ އިދިކޮޅުގައި މިވަގުތު ތިބި ކޮންމެ ބަޔަކީ ގައުމަށް "ޣައްދާރުވި" މީހުން ކަމަށާއި އެމީހުންގެ އަމަލުތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ.

"ކުޑަކުޑަކޮށެއް ނޫން. ވަރަށް ބޮޑަށް ދިވެހި ގައުމަށާއި ރައްޔިތުންނަށް ޣައްދާރުވި. [ޣައްދާރުވި] ވަރަކީ ދިވެހި ރާއްޖޭގެ ޝަރުއީ ދާއިރާ ފުނޑާލައި އެ ނިޒާމަށް ރައްޔިތުން ކުރަމުންއައި އިތުބާރު ގެއްލުވާލައި އެ ނިޒާމުގެ އިސް ދެ ފަނޑިޔާރުން ބޭނުންކޮށްގެން ރާއްޖޭގައި އުފެދިފައި އޮތް ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރުން." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ "ބަޣާވާތުގެ އެއްފަޅީގައި ބައިވެރިވެ އަނެއްފަޅީގައި ބައިވެރިނުވަމޭ ބުންޏަކަސް ދިވެހި ރައްޔިތުން އެކަން ގަބޫލު ނުކުރާނެ" ކަމަށެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހީމަކީ ދިވެހި ރާއްޖެއަށް ކުރިމަތިވި "ބަޣާވާތުގެ" އެންމެ އަޑީގައި ހުންނެވި އެއް ބޭފުޅާ ކަަމަށެވެ.

"ގާސިމް އިބްރާހިމް މިހާރު ކުރައްވަން އެއުޅޭ ކަމަކީ ރައީސް މައުމޫން އެއޮތީ ޖަލުގައި. ރައީސް މައުމޫނުގެ ދަރިކަލުން އެ އޮތީ ޖަލުގައި ދަނބިދަރިކަލުން އެ އޮތީ ޖަލުގައި. ކެނަރީގޭ ނަޝީދު އެހުރީ ޖަލުގައި. ދެން މީނަ ވިސްނާލި އިރު އެންމެ ފައިދާ ބޮޑު ގޮތެއް ކަމަށް މި ފެނުނީ މިދެންނެވި ޓީމާ އެކު ނުކުމެ ރައްޔިތުންނާއި ސިފައިންނަށް މާ ހެޔޮއެދޭ މީހަކަށް ވުން،" ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަދުރޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް ޖަލުގަޔާއި ބަންދުގައި ތިއްބެވި ނުވަ ބޭފުޅަކު މިނިވަން ކުރަން އަމުރުކޮށް ސުޕްރީމް ކޯޓުން މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ އަމުރު ކުރުމާ އެކު އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ކުރިން ވިދާޅުވަމުން ގެންދެވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން، ގުޅިގެން އެއް ކެންޑިޓޭޓަކު ނެރޭ ވާހަކަ އެވެ.

comment ކޮމެންޓް