ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ސޮސިއެޑާޑް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ސްޕެނިޝް ލަލީގާ މެޗުގައި ސޮސިއެޑާޑްގެ މައްޗަށް ރެއާލުން ކުރި ހޯދީ 5-2ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ރެއާލުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ޕޯޗުގަލް ތަރި ރޮނާލްޑޯ ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކޭޒްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ފުރަތަމަ ލަނޑު ފެނިގެންދިޔައީ 27 ވަނަ މިނެޓުގައެވެ. ރޮނާލްޑޯ އެ ލަނޑު ކާމިޔާބުކުރީ ރެއާލްގެ ބްރެޒިލް ފުލް ބެކް މާސެލޯ ދިން ބޯޅައަކުންނެވެ. ރޮނާލްޑޯ އެ ލަނޑު ކާމިޔާބުކުރީ ސޮސިއެޑާޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ދިން ބޯޅައަކުން ރެއާލްގެ ތިންވަނަ ލަނޑު ޓޯނީ ކްރޫޒް ކާމިޔާބުކޮށްދިން އިރު، އޭގެ ތިން މިނެޓުފަހުން ލޫކާ މޮޑްރިޗް ނަގައިދިން ހުރަހަކުން ރެއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ރޮނާލްޑޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-0ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ 74 ވަނަ މިނެޓުގައި މިކެލް އޮޔާޒަބަލް ދިން ބޯޅައަކުން ސޮސިއެޑާޑްގެ ފުރަތަމަ ލަނޑު ޖޮން ބައުޓިސްޓާ ކާމިޔާބުކޮށްދިން ނަމަވެސް، އޭގެ ހަ މިނެޓްފަހުން ރޮނާލްޑޯ ވަނީ ރެއާލްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ލަނޑާއެކު ރޮނާލްޑޯގެ ހެޓްރިކްވެސް ފުރިހަމަވެގެންދިޔައެވެ.
މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް، ސޮސިއެޑާޑުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ހުއާންމީ ނަގައިދިން ހުރަހަކުން ސޮސިއެެޑާޑްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކުރިން ރެއާލަށްވެސް ކުޅުނު ސްޕެއިން މިޑްފީލްޑަރު އަސިއާ އިޔަރަމެންޑީއެވެ.
ރެއާލް އޮތީ ސްޕެނިޝް ލަލީގާ ތާވަލުގެ ތިންވަނައިގައެވެ. ޕޮއިންޓް ތާވަލުގައި ރެއާލްއާއި ވާދަވެރި ބާސެލޯނާއާ ދެމެދު 16 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެއްވަނައިގައި އޮތް ބާސާއަށް 22 މެޗުން 58 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 23 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ރެއާލަށް 22 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ.