ބާސެލޯނާގެ ޖާޒީގައި ފައިނަލެއް ކުޅެލަން ކެތްމަދުވެފައިވާ ކަމަށް އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފިލީޕް ކުޓީނިއޯ ބުނެފިއެވެ.
ކޮޕާ ޑެލްރޭގެ ސެމީފައިނަލް ދެވަނަ ލެގުގައި ބާސާއިން ރޭވަނީ ވެލެންސިއާ ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ފުރަތަމަ 1-0 އިން ކާމިޔާބުކޮށްފައި އޮތް ބާސާއިން ރޭގެ މެޗު ރަށުން ބޭރުގައި ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ބާސާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ކުޓީނިއޯ އަދި އިވަން ރަކެޓިޗެވެ.
ކުޓީނިއޯ ބާސާއާ ގުޅިފައިވަނީ ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައެވެ. ރޭގެ މެޗަކީ ބާސާ ޖާޒީގައި އޭނާ ކުޅުނު ފަސްވަނަ މެޗެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކުޓީނިއޯ ބުނީ ބާސާ ޖާޒީގައި ފުރަތަމަ ގޯލް ޖެހުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"އަހަރެން ބޭނުންވީ ބާސާ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުތަކުގައި ގޯލް ޖަހަން. މިއަދު އެކަންވެސް ވެއްޖެ. ރޭގެ މެޗުގެ އެންމެ މުހިންމު ކަމަކީ ބާސާ ފައިނަލަށް ގެންގޮސްދިނުން،" ކުޓީނިއޯ ބުންޏެވެ.
ކުޓީނިއޯ ބުނީ ފައިނަލެއް ކުޅެލުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށާއި، ކޮޕާ ޑެލްރޭގެ ފައިނަލްގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.
ބާސާ ޖާޒީގައި ފައިނަލެއް ކުޅެލުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އެހެން ނަމަވެސް ފައިނަލަށް ފޯކަސް ކުރުމުގެ ބަދަލުގައި މިވަގުތަށް ވިސްނާނީ ބާސާއާއެކު ކުރިއަށް އޮތް މެޗުތަކަށް ވިސްނުން ކަމަށްވެސް ކުޓީނިއޯ ބުންޏެވެ.
ބާސާއަށް ބަދަލުވުމުގެ ކުރިން ކުޓީނިއޯ ވަނީ މި ސީޒަންގައިވެސް ލިވަޕޫލްއަށް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާވަނީ ލިވަޕޫލްއަށް މި ސީޒަންގައިވެސް 12 ގޯލް ޖަހައިފައެވެ.