ސިޔާސީ ހަލަބޮލިކަމުގެ ނޭދެވޭ އަސަރު އިގްތިސާދަށް ކޮށްފާނެ ކަމުގެ އިންޒާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ ކަމުގެ އިންޒާރު، ބައިނަލްއަގުވާމީ ކްރެޑިޓް ކުންފުނި "ފިޗް ރޭޓިންގްސް"އިން ރާއްޖެއަށް ދީފި އެވެ.

ފިޗް ރޭޓިންގްސްއަކީ ބައިނަލްއަގުވާމީ ގޮތުން އެންމެ ފާހަގަކުރެވޭ ތިން ކްރެޑިޓް ރޭޓިންގް ކުންފުނީގެ ތެރެއިން އެއް ކުންފުންޏެވެ.

ފިޗް ރޭޓިންގްސްއިން މިދިޔަ އަހަރު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ހަދައިފަ އެވެ. މިދިޔަ އަހަރު ފިޗްއިން ރާއްޖެއަށް ދީފައި ވަނީ ބީ ޕްލަސް ރޭޓިންގް އެވެ. ބީ ޕްލަސްގެ މާނައަކީ މާލީ ގޮތުން ހާސިލުކުރަން ޖެހޭ ކަންކަން ހާސިލުވަމުންދާ ކަމާއި މާލީ ގޮތުން ރައްކާތެރިކަން ކަމެވެ. އެހެން ނަމަވެސް ވިޔަފާރީގެ މާހައުލުގައި ކޮންމެވެސް ވަރެއްގެ ރިސްކެއް އޮތުމެވެ.

ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކޮށް، ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ފިޗް ރޭޓިންގްސްއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ހާލަތުގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރުން ގާތް ކަމަށެވެ.

"ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް އެހާ ބަރޯސާވެފައި، އަދި އެކްސްޓާނަލް ފައިނޭންޝަލް ޕޮޒިޝަން ބަލިކަށި އިރު، ސިޔާސީ ހަލަބޮލިކަމަކީ ރާއްޖެ އަންނަ ފަތުރުވެރިން މަދުވެދާނެ ކަމެއް،" ފިޗްއިން ބުންޏެވެ.

ފިޗްއިން ބުނީ މީގެ ކުރިންވެސް ރާއްޖެ ސިޔާސީ ގޮތުން ހަލަބޮލިވި ނަމަވެސް، ފަތުރުވެރިކަމަށް މާ ބޮޑު އަސަރެއް ނުކުރާ ކަމަށެވެ. އެހެން ނަމަވެސް، ގައުމުތަކުގެ ފޮރިން މިނިސްޓްރީތަކުން މިފަހަރު ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީތަކުގައި ބުނެފައި ވަނީ، މިހާރު ހިނގާ ސިޔާސީ ހަލަބޮލިކަން އިތުރަށް ގޯސްވެދާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"އެމެރިކާއާއި ޔޫކޭއިން ބުނެފައި ވަނީ ރާއްޖެ ދާ އިރު ސަމާލުވާން. އެކަމަކު ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުން ބުނެފައި ވަނީ މުހިންމު ކަމެއްގައި ނޫނީ ދަތުރު ނުކުރުމަށް. ޗައިނާ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިންގެ ހަތަރުބައި ކުޅަ އެއްބައި ހިއްސާވާ މީހުން،" ފިޗްއިން ބުންޏެވެ.

އެއް ސިނާއަތަކަށް އެހާ ބޮޑަށް ރާއްޖެ ބަރޯސާވާ އިރު، މިފަދައިން ހިނގާ އެންމެ ކަމަކުން ވެސް ރާއްޖެއަށް ނޭދެވޭ އަސަރު ހިނގާފާނެ ކަމުގެ ބިރު އޮންނަ ކަމަށް ފިޗްއިން ބުންޏެވެ.

"މިފަދަ ކަންކަމާ ހެދި، ރައްކާތެރި ރާއްޖެއަކީ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ދެކޭ މީހުން މަދުވެ، ފަތުރުވެރިން މަދުވާނެ،" ފިޗްއިން ބުންޏެވެ.

comment ކޮމެންޓް