ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުކަން އެ ހިނދުންވެސް އެނގިލެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން އިންތިޒާމްކުރި "ކަނބަލުންގެ ގުޅުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ރޭ ވިދާޅުވީ 2015 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު މާލެ އައި މަގުމަތީގައި އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވައިގެން އޭރު ހުންނެވި ލޯންޗުން ފުލުހުންގެ ލޯންޗަކަށް ބަދަލުވި އިރުވެސް އެކަން ކުރީ ކާކުކަން އެނގިލެއްވި ކަމަށެވެ.
"2015 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ފަހު އަޅުގަނޑުމެން އައި ދުވަހު ކަން ހިނގާދިޔަ ގޮތުން އަޅުގަނޑުގެ އަންހެނުން އޮތީ ހޭނެތިފައި. އަޅުގަނޑު ދަތުރުކުރި ލޯންޗުން ފުލުހުންގެ ލޯންޗަށް ބަދަލުވިއިރު މުޅި މަންޒަރު މާތް ﷲ އަޅުގަނޑުގެ ހިތަށް އިލްހާމް ކުރެއްވި،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން އެގޮތަށް ހިނގިކަން ވިދާޅުވާނެެ މީހުން ތިއްބަވާނެ ކަމަށާއި އޭގެ ތެރޭގައި އޭރުގެ ކަމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ހިމެނިވަޑައިގަންނަވާ ކަމަށެވެ.
"އެރޭ ޕޮލިސް ކަމިޝަނަރު އަދި ކަމިޝަނަރުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ދެބޭފުޅުން ބައްދަލުކޮށް ތަފާތު ވާހަކަތައް ކިޔައިދެއްވި. މިހާރުވެސް ހުސައިން ވަހީދު ކުރެން އައްސަވާ. އަޅުގަނޑު ދެންނެވީ އަޅުގަނޑަށް މުޅި މަންޒަރު ސިފަވެއްޖެއޭ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއް ލޯންޗުން އަނެއް ލޯންޗަށް ބަދަލުވިއިރު ފާލަމާއި ދިމާއަށް ބެއްލެވި ކަމަށާއި ކަންކަން ހިނގި ގޮތް ބެއްލެވި ކަމަށެވެ. އެހިސާބުން އޭގެ ހަގީގަތް އެނގުނު ކަމަށްް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހާހިސާބުން އެނގިއްޖެ ކޮންބައެއްގެ ރޭވުމެއްކަން. ކިހާ ބާރުވެރިކޮށް ހިނގާދިޔަ ކަމެއް ކަން އެނގޭ. އޭރުވެސް މާލެ ނުފައިބަނީސް އެނގޭ އެއީ އަހްމަދު އަދީބު ކުރި ކަމެއް ކަން. ﷲ އެކަން އިލްހާމް ކުރެއްވި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ލޯންޗުގައި ގޮވި ގޮވުމެއް ނޫން ކަމަށާއި އެއީ އުދުވާނީ ހަމަލާއެއް ކަމަށެވެ.
ރައީސް ވިދާޅުވީ ހުކުމާއެކު ހިނގަން އުޅޭ ކަންކަން ހުކުރު ވިލޭރޭ އައި ހިސާބުން އެނގުނު ކަމަށާއި އެމަންޒަރު ސާފުވެވަޑައިގެންނެވި ކަމަށެވެ.