ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ހައްޔަރުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އަނބިކަނބަލުން ހައްޔަރުކޮށްފިއެވެ.

އަލީ ހަމީދުގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައިކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ.

ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް މިދިޔަ ހޯމަ ދުވަހުގެރޭ ވަދެ އެ ކޯޓުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.

އަލީ ހަމީދު ބަންދުގައި ހުއްޓައި ހާޓް އެޓޭކެއް ޖެހިގެން ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްއަށް ގެންގޮސް، އޭނާއަށް ދަނީ ފަރުވާދެމުންނެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލީ ހަމީދު މިހާރު ވަނީ ފަނޑިޔާރުކަމުގެ މަގާމުންވެސް ސަސްޕެންޑްކޮށްފައެވެ.

އަލީ ހަމީދު ހައްޔަރުކުރީ ގައުމަށް ހިޔާނާތްތެރިވުމާއި ރިޝްވަތުހިފުމުގެ އިތުރުން ގާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ އަލީ ހަމީދުގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އޭނާއާ ގުޅުން ހުރި ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށެވެ.

އަލީ ހަމީދުގެ އިތުރުން ފުލުހުން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުވެސް ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް