ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކުރެވޭ ތުހުމަތު ތަކާ ގުޅޭ ހެކި އެބަހުރި ކަމަށާއި ތަހުގީގަށް އިތުރު ހެކި ލިބެމުންދާ ކަމަށް އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ހައްޔަރުގައި ހުންނެވި ކުރީގެ ރައީސް މައުމޫނާ މެދު ތަފާތު ތިން ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ނަވާޒު ވިދާޅުވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ނަވާޒް ވިދާޅުވީ ރައީސް މައުމޫނަށް ކުރެވޭ ތުހުމަތަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކަމަށެވެ. އަދި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިގޮތަކަށް ހުކުމެއް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުދިނުންވެސް އެމަނިކުފާނަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ ރޭވުންތައް ރޭވުންވެސް ހިމެނޭ ކަމަށް ނަވާޒް ވަނީ ވިދާޅުވެފައެވެ.
ނަވާޒް ވިދާޅުވީ ތުހުމަތު ކުރެވިފައިވާ ކަންތައްތަކުގެ ހެކިތައް ލިބިފައިވާ ކަމަށާއި މިހާރުވެސް އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ.
"ތުހުމަތު ކުރެވިފައިވާ ކަންތައްތަކަށް އަޅުގަނޑުމެނަށް ވަނީ ހެކިތައް ލިބިފައި. މިހާރު މި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދާއިރު ވެސް އަޅުގަނޑުމެން މިދަނީ އެކަމާ ގުޅުންހުރި ތަންތައް ބަލައި ފާސްކުރަމުން،"
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން ހައްޔަރު ކުރީ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުން މައުމޫން ދިރިއުޅުއްވާ އެންދެރިމާގެއަށް ވަނީ ބޭރު ދޮރު ހަލާކުކޮށްލައިގެންނެވެ. މައުމޫން މިވަގުތު ހުންނެވީ ދޫނިދޫގައެވެ.