ޝިފާޒާއި މަރީ ދުނިޔޭގެ ހާފް މެރަތަން ޗެމްޕިއަންޝިޕަށް

ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރާ މަރީ(ކ)އާއި ޝިފާޒް(ވ) --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ މެރަތަން ދުވުންތެރިން ކަމަށްވާ ޝިފާޒް މުހައްމަދު އަދި މަރިޔަމް އަބްދުލްކަރީމް މިއަހަރުގެ ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕްގައި ބައިވެރިކުރުމަށް ގައުމީ އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފިއެވެ.

އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ އެތުލެޓިކްސް ފެޑެރޭޝަނުން ކުރިއަށް ގެންދާ ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޕެއިންގެ ވެލެންސިއާގައެވެ. މެރަތަން އޮންނާނީ މާޗު 24 ވަނަ ދުވަހުގައެވެ.

ޝިފާޒަކީ ރާއްޖޭގެ މެރަތަން އަދި ހާފް މެރަތަން ރެކޯޑު މިހާރުވެސް އޮންނަ ދުވުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ގައުމީ ހާފް މެރަތަން ރެކޯޑު އައުކޮށްފައެވެ. އަދި ޝިފާޒްވަނީ އޭނާގެ މެރަތަން ރެކޯޑުވެސް މިދިޔަ މަހު އައުކޮށްފައެވެ.

ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ދުވުމަށް ހަމަޖެހިފައިވާ މަރީއަކީ އަންހެނުންގެ ފަސް ކިލޯމީޓަރާއި، ދިހަ ކިލޯމީޓަރާއި، 20 ކިލޯމީޓަރު އަދި ހާފް މެރަތަންގެ ރެކޯޑު ވެސް އޮންނަ ދުވުންތެރިޔާއެވެ. މީގެ އިތުރުން މަރީއަކީ މިހާރު އަންހެނުންގެ މެރަތަން ރެކޯޑުވެސް އޮންނަ އެތުލީޓެވެ. ކުރިން ޒުލޭހާ ހަދާފައިވާ ރެކޯޑު މަރީ މުގުރާލީ މިދިޔަ މަހު ޑުބާއީގައި ބޭއްވި މެރަތަންގައި ދުވެގެންނެވެ.

މަރީ އަދި ޝިފާޒަކީ މިދިޔަ އަހަރު ދިރާގު ރޯޑްރޭސް ވެސް ކާމިޔާބުކޮށްފައިވާ ދެ ދުވުންތެރިންނެވެ.

ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ދުވުންތެރިން ވާދަކުރާ މެރަތަންއެކެވެ. 1992 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ހާފް މެރަތަން ޗެމްޕިއަންޝިޕް ބާއްވަމުން އައިސް 2010 ވަނަ އަހަރުން ފެށިގެން އެ މެރެތަން ބާއްވަމުން އަންނަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރުއެވެ.

ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕް އެންމެފަހުން ބާއްވާފައިވަނީ އިނގިރޭސިވިލާތުގެ ކާޑިފްގައެވެ. އެންމެފަހުގެ މެރެތަންގެ އަންހެން ޑިވިޝަންގެ ރަން މެޑަލް ހޯދީ ކެންޔާގެ ޕެރިސް ޖެޗިރްޗިރެވެ. ފިރިހެން ޑިވިޝަންގެ ރަން މެޑަލްވެސް ހޯދީ ކެންޔާގެ ގޮފްރޭ ކިޕްސޭންގް ކަމްވޮރޯރެވެ.

comment ކޮމެންޓް