ކުއްލި ހާލަތާ ގުޅިގެން ހައިރައިޒްގެ ލިވިންގް އެކްސްޕޯ ފަސްކޮށްފި

ލިވިން އެކްސްޕޯ 2017 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން، އަންނަ ހަފްތާގައި މަލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "މޯލްޑިވްސް ލިވިންގް އެކްސްޕޯ" މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ލިވިންގް އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒުން ނެރުނު ބަޔާނެއްގައި ބުނީ، 15 ދުވަހުގެ މުއްދަތަށް ދިވެހި ސަރުކާރުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތުު އިއުލާނު ކުރުމާ ގުޅިގެން ލިވިންގް އެކްސްޕޯ ފަސް ކުރަން ޖެހިފައިވާ ކަމަށެވެ.

"މި އިވެންޓުގައި އަޅުގަނޑުމެންގެ ޕާޓްނަރުންގެ ގޮތުގައި އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން،" ހައިރައިޒުން ބުންޏެވެ.

ހައިރައިޒުން ބުނީ، ލިވިން އެކްސްޕޯ ބާއްވާނެ ތާރީހެއް ކަނޑައެޅުމާ މެދު އެގްޒެބިޓިން ސެންޓާ، އެކޮނަމިކް މިނިސްޓްރީ، ޗެންބާ އޮފް ކޮމާސް އަދި މިނިސްޓްރީއޮފް ޑިފެންސްއާ ވެސް ވާހަކަ ދައްކައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ތާރީހެއް ކަނޑައެޅުނުހާ އަވަހަކަށް އިއުލާނު ކުރާނެ ކަމަށް ވެސް ހައިރައިޒުން ބުންޏެވެ.

ލިވިން އެކްސްޕޯއަކީ 2013 ވަނަ އަހަރުން ފެށިގެން ހައިރައިޒުން ބާއްވަމުން އަންނަ ފެއާއެކެވެ. އެ ފެއާ މިދިޔަ އަހަރު ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ތިން ދުވަހުގެ މުއްދަތަށެވެ. އެ ފެއާގައި ވެސް ރާއްޖޭން ބޭރުގެ ކުންފުނިތަކާ އެކު 28 ކުންފުންޏެއް ވަނީ ބައިވެރިވެފަ އެވެ.

މޯލްޑިވްް ލިވިން އެކްސްޕޯ 2018ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް