ގޯތިގެދޮރު ގަތުމާ ގުޅޭ ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭނެހެން މި އަހަރުގެ ލިވިން އެކްސްޕޯ ފަށައިފިއެވެ.
މި އަހަރުގެ ލިވިން އެކްސްޕޯ ފަށާފައި ވަނީ އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެކްސްޕޯ ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
މި އެކްސްޕޯ ފައްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، މި އެކްސްޕޯގެ ސަބަބުން ރިއަލްއެސްޓޭޓް ވިޔަފާރީ ފުޅާވުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިވާނެ ކަމަށެވެ.
"އެންމެ އުފާކުރަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ ކުންފުނިތަކެއް މި އެކްސްޕޯގައި ބައިވެރިވާތީ،" އޭނާ ވިދާޅުވިއެވެ.
މި އެކްސްޕޯއަކީ ހައިރައިޒުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. އެކަން ފާހަގަކުރައްވާ މިނިސްޓަރުވަނީ އެކްސްޕޯގެ އިންތިޒާމުތައް މޫސުމާ ގުޅޭނެހެން ފުރިހަމަކަމާއެކު ހަމަޖައްސައިދިނުމުން ޝުކުރު އަދާކޮށްފައެވެ.
މިއަހަރުގެ އެކްސްޕޯގެ މައިގަނޑު ސްޕޮންސަރުންނާއި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ:
- ބިލްޑިން ސޮލިއުޝަންސް ޕާޓްނާ: ރެއިންބޯ އެންޓަޕްރައިސަސް
- އިންޓީރިއާ ޕާޓްނާ: ޕްރޮކްސީ ހޯމް
- ހައުސިން ފައިނޭންސިން ޕާޓްނާ: އެޗްޑީއެފްސީ
- ލައިޓިން ޕާޓްނާ: ޖަގުއާ ގްރޫޕު
- ޑިޖިޓަލް ޕާޓްނާ: އުރީދޫ
- ކޭޓަރިން ޕާޓްނަ: ލޫސީސް
- ސެޓްއަޕް ޕާޓްނާ: އަސަރީ މޯލްޑިވްސް
- ޕްރިންޓް ޕާޓްނާ: ޕްރިންޓް ލެބް
މިއަހަރުގެ އެކްސްޕޯ ބާއްވަން ހަމަޖެހިފައި ވަނީ މާދަމާގެ ނިޔަލަށެވެ. އެކްސްޕޯ ހުޅުވާފައި ހުންނާނީ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 11:00 އަށެވެ.
މި އެކްސްޕޯގައި ފަރުނީޗަރާއި ގޭތެރެ ރީތިކުރުމަށް ބޭނުންވާ ސާމާނާއި އެކި ޚިދުމަތްތަކުގެ އިތުރުން ބޭންކިން އާއި ފައިނޭންސް އޮޕްޝަންތަކާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެއެވެ.
ލިވިން އެކްސްޕޯ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2013ވަނަ އަހަރެވެ. މިއީ މި އެކްސްޕޯ މެދުކެނޑުމެއްނެތި ބާއްވާތާ 12ވަނަ އަހަރެވެ.