ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ ބާސެލޯނާގެ ލިއޮނަލް މެސީ ހިފަހެއްޓުމަކީ މާ އުނދަގޫ ކަމެއް ކަމަށް ޕީއެސްޖީ އަދި ބްރެޒިލްގެ ޑިފެންޑަރު ތިއޭގޯ ސިލްވާ ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލްއާ ދެކޮޅަށް ޕީއެސްޖީން ނުކުންނަ މެޗުގެ ފުރަތަމަ ލެގު އަންނަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، އެކަމާ ގުޅިގެން ޕީއެސްޖީގެ ކެޕްޓަން ތިއޭގޯ ސިލްވާ ވަނީ 'ލޭ ޓެން' ސްޕޯޓްސްއަށް ވާހަކަ ދައްކައިފަ އެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބާސާއާ ދެކޮޅަށް ކުޅެ ޕީއެސްޖީ ކެޓީ ހިތްދަތި ގޮތަކަށެވެ. ޕީއެސްޖީގެ ޑިފެންޑަރު ތިއޭގޯ ސިލްވާ ބުނީ މެސީއާއި ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށެވެ. އަދި އޭނާއާ އެކު ޕީއެސްޖީއަށް ކުޅެމުންދާ ނޭމާއަކީ ވެސް އެ ލިސްޓުގައި ހިމެނެމުންދާ ކުޅުންތެރިއެއް ކަމަށް ވެސް ތިއޭގޯ ސިލްވާ ބުންޏެވެ.
ތިއޭގޯ ސިލްވާ ބުނީ ރޮނާލްޑޯ އަށްވެސް ކެރިއަރުގައި ލިބުނު ހުރިހާ ކާމިޔާބީއަކީ ވެސް އޭނާއަށް ހައްގު ކާމިޔާބީތަކެއް ކަމަށާއި މެސީއަށް ވެސް ހަމަ އެފަދަ ކަމަށެވެ. އަދި މި އަހަރު ރޮނާލްޑޯއަށް އުނދަގޫކޮށް ދާ ނަމަވެސް މިއީ އަދި ރޮނާލްޑޯގެ ނިމުން ނޫން ކަމަށާއި މި އަހަރުގެ ބެލޮންޑިއޯއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުން ރޮނާލްޑޯގެ ނަން އުނި ނުކުރެވޭނެ ކަމަށް ވެސް ތިއޭގޯ ސިލްވާ ފާހަގަކުރި އެވެ.
މި ދެ ކުޅުންތެރިންނާ ދެކޮޅަށް ވެސް ގިނަ މެޗުތަކެއް ކުޅެފައިވާ ތިއޭގޯ ސިލްވާ ބުނީ ރޮނާލްޑޯއާއި މެސީއާ ދެމެދު އޮންނަނީ ކުޑަކުޑަ ތަފާތެއް ކަމަށެވެ. އެ ތަފާތަކީ ބޯޅައާ އެކު ކުރިއަށް ދިއުމުގައި ދެ ކުޅުންތެރިންގެ ތަފާތު ކަމަށާއި އެކަނި އަދި ޓީމެއްގެ ގޮތުގައި ވެސް މެސީ ހިފެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ތިއޭގޯ ސިލްވާ ބުންޏެވެ.
ތިއޭގޯ ސިލްވާ ޕީއެސްޖީއަށް ބަދަލުވީ 2012 ވަނަ އަހަރުގަ އެވެ. ޕީއެސްޖީއަށް 145 މެޗު ކުޅެދީފައިވާ ތިއޭގޯ ސިލްވާއަކީ 2008 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްގެ ކެޕްޓަންކަން ވެސް ކުރި ތިއޭގޯ ސިލްވާ އަތުން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަތުލީ ވޯލްޑް ކަޕު ފަހުން އެގައުމުގެ ގައުމީ ޓީމާ ހަވާލުވި ޑުންގާ އެވެ. ޑުންގާގެ ކޯޗު ކަމުގެ ދަށުގައި ތިއޭގޯ ސިލްވާ ބްރެޒިލްގެ ގައުމީ ޓީމަށް މަދުންނޫނީ ނަގައިފައި ނުވިނަމަވެސް މިހާރު ބްރެޒިލް ގައުމީ ޓީމާ ހަވާލުވެހުރި ޓިޓޭގެ ސްކޮޑުން ތިއޭގޯ ސިލްވާއަށް ޖާގަ ލިބޭކަން ފާހަގަކުރެވެ އެވެ.