މަސައްކަތާމެދު ހިތްހަމަ ނުޖެހޭނަމަ ޗެލްސީން އިތުރު ގޮތެއް ވިސްނަންވީ: ކޮންޓޭ

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން، ޗެލްސީން އެންމެފަހުން ކުޅުނު ދެ މެޗުންވެސް ތަފާތު ބޮޑުކޮށް ބަލިވެފައިވާއިރު، ރޭގެ މެޗުގައި ވަޓްފޯޑު އަތުން ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އޭނާއަށް ދެންވެސް ކުރަން އޮންނާނީ މަސައްކަތް ކަމަށާއި، ޗެލްސީއަށް އެކަމަކީ ރަނގަޅު ގޮތް ކަމަށް ނުފެންނަނަމަ އޭނާ ފޮނުވާލަން ވިސްނަންވީ ކަމަށެވެ.

މިދިޔަ ސީޒަންގައި ޗެލްސީއާއެކު ލީގު ނެގުމަށްފަހު މި ސީޒަންގައި ޓީމާއެކު އެ ކުޅުން ތަކުރާރު ނުކުރެވުމުން ޕްރެޝަރު އިހުސާސްކުރެވޭތޯ ސުވާލުކުރުމުން ކޮންޓޭ ބުނީ ޕްރެޝަރުއަކީ އޭނާއަށް ނޭނގޭ އެއްޗެއް ކަމަށެވެ. އަދި ގޯސް ހެދެނީ ކޮންޓޭއަށްކަން އަމިއްލައަށް ގަބޫލުކުރާ ކަމަށާއި، އެކަން ހައްލުކުރާނީ އޭނާ ކަމަށްވެސް ބުންޏެވެ.

ކޮންޓޭ އިތުރަށް ބުނީ ރޭގެ މެޗަށް ނެރެވުނު ފުރަތަމަ 11 ގޯސްވި ކަމަށްވެސް ވެދާނެ ކަމަށާއި، އެހެންނަމަވެސް މެޗުގެ ފުރަތަމަ ކޮޅުގައި ޗެލްސީން ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި މެޗު އެނބުރުނީ ޓިމޯ ބަކަޔޯކޯއަށް ދެއްކި ރަތްކާޑާ އެކުގައި ކަމަށާއި، ދެވަނަ ހާފްގައި ދަނޑު މަތިން ފެނުނީ އޮޅުން ބޮޅުން ކަމަށްވެސް ކޮންޓޭ ބުންޏެވެ.

އިޓަލީގެ ގައުމީ ޓީމާއި ޔުވެންޓަސް ފަދަ ޓީމުތަކުގެ ކޯޗުކަން ކޮށްދިން ކޮންޓޭ ޗެލްސީއާ ހަވާލުވީ މިދިޔަ ސީޒަންގައެވެ. އޭނާވަނީ ފުރަތަމަ ސީޒަންގައި ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާލީގު އުފުލާލާފައެވެ. ކޮންޓޭ ފާހަގަކުރެވެނީ އިޓަލީގެ ޑިފެންސިވް ކުޅުމެއް ކުޅުވާ ކޯޗެއްގެ ގޮތުގައެވެ.

comment ކޮމެންޓް