ކޭންއަށް ތާރީހީ މެޗެއް، ކްލޮޕް ހުރީ ރަތުގައި!

ރޭގެ މެޗުގައި ލިވަޕޫލްގެ ކޯޗު ކްލޮޕް --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާލީގުގައި ޓޮޓެންހަމް އަދި ލިވަޕޫލް ވާދަކުރި ފޯރިގަދަ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނުު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަލުވި އަދި އެޓޭކިން ކުޅުމެކެވެ. މެޗު ނިމެންދަނިކޮށް ޓޮޓެންހަމްގެ ހެރީ ކޭން ޖެހި ގޯލައަކީ އޭނާގެ 100 ވަނަ ޕްރިމިއާލީގު ގޯލަ އެވެ. ޕްރިމިއާ ލީގުގައި އެންމެ އަވަހަށް 100 ގޯލް ހަމަކުރި ކުޅުންތެރިން ލިސްޓްގައި ކޭން ލިސްޓް ކުރެވެނީ ދެވަނަ އަށެވެ. ލިސްޓްގެ އެއްވަނާގައި އޮތީ އެލެން ޝިއެރާ އެވެ.

ކޭން އޭނާގެ 100 ވަނަ ގޯލް ޖަހަނީ --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި މުހައްމަދު ސަލާހުގެ ގޯލާ އެކު ލިވަޕޫލުން ލީޑު ނެގިއެވެ. ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ނިމިފައިވާއިރު، މެޗުގައި ފެނުނީ ހަމަހަމަ ކުޅުމެކެވެ.

ދެވަނަ ހާފް ފެށިގެން ވެސް ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު، ޓޮޓެންހަމްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 80 ވަނަ މިނެޓުގައެވެ. އެޓީމަށް ގޯލް ޖަހައިދިނީ ވިކްޓާ ވަނިޔާމާއެވެ. އޭގެ ހަތް މިނެޓު ފަހުން ޓޮޓެންހަމްއަށް ޕެނެލްޓީއެއް ލިބުނު ނަމަވެސް ކޭންގެ ޕެނެލްޓީވަނީ ނާކާމިޔާބުވެފަ އެވެ. މި ޕެނެލްޓީއަކީ ކޭންއަށް ލިވަޕޫލްގެ ކީޕަރު ލޮރިސް ކޭރިއަސް ކުރި ފައުލަކަށް ރެފްރީދިން ޕެނެލްޓީއެކެވެ.

ޕެނެލްޓީގެ ނިންމުންތަކާއެކު މެޗުގެ ރެފްރީވަނީ ހޫނު ފެނަށް ވެއްޓިފައި --- ފޮޓޯ/ އޭޕީ

ޕެނެލްޓީއާމެދު ލިވަޕޫލްގެ ސަޕޯޓަރުން އަދި ކޯޗު ޔާގަން ކްލޮޕްވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. މެޗުގެ ފަހުން ވާހަކަ ދައްކަމުން ކްލޮޕް ބުނެފައި ވަނީ ކޭން ޑައިވް ކުރި ކަމަށާއި އޭނާ ހިތުގެ އިހުސާސްތައް ބޭރުކޮށްލައިފި ނަމަ އަންނާނީ ޖޫރިމަނާއެއް ނޫނީ ސަސްޕެންޝަނެއް ކަމަށެވެ. އަދި ރުޅިގަދަވި ނަމަވެސް ކުރެވޭނެ ކަމެއް ނެތް ކަމަށާއި ރެފްރީ މެޗު އަނބުރާލިކަން އެންމެނަށް ވެސް އެނގޭނެކަމަށް ކްލޮޕް ބުންޏެވެ.

މެޗުގެ 91 ވަނަ މިނެޓުގައި ލިވަޕޫލްގެ ސަލާހްވަނީ އޭނާގެ ދެވަނަ ގޯލާއެކު އެޓީމަށް އަނެއްކާ ވެސް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 95 ވަނަ މިނެޓުގައި ކޭންގެ ޕެނެލްޓީއަކާ އެކު ޓޮޓެންހަމްއިން ވަނީ ދެވަނަފަހަރަށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. ލިވަޕޫލްއަށް މި ޓްރާންސްފާގައި ގެންދިޔަ ވާޖިލް ވެންޑައިކް ކޭންއަށް ކުރި ފައުލަކަށް ޕެނެލްޓީ ދީފައިވާ އިރު، ކްލޮޕް ގަބޫލުކުރާ ގޮތުގައި އެ ޕެނެލްޓީ ވެސް ދެވިގެން ނުވާނެ އެވެ.

ކްލޮޕް ބުނީ އެފަދަ ކޮންމެ ހާލަތަކަށް ޕެނެލްޓީ ދޭން ނުޖެހޭނެ ކަމަށާއި އެއަށް ވުރެ ވަރުގަދަ ޗެލެންޖުތަކަށް ހިލޭޖެހުން ނުދީ ވެސް ދޫކޮށްލާ ކަމަށެވެ.

ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް ރުޅި ގަދަވެފައި --- ފޮޓޯ/ އޭޕީ

މެޗުން އެއްވަރުވެ ލިވަޕޫލް އޮތީ އިނގިރޭސި ލީގު ތާވަލުގެ ތިންވަނައިގަ އެވެ. ޓޮޓެންހަމް އޮތީ ފަސް ވަނައިގަ އެވެ. ލިވަޕޫލް ކުޅުނު 26 މެޗުން 51 ޕޮއިންޓް ހޯދައިފައިވާއިރު، ޓޮޓެންހަމްއަށް ލިބެނީ 26 މެޗުން 49 ޕޮއިންޓެނެވެ.

comment ކޮމެންޓް