ދޮގު މައުލޫމާތު ފަތުރައި މަސްލަހަތު ނަގާލާނަމަ އެ ސްޓޭޝަނެއް ބަންދު ކުރާނަން: ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރޭގައި އެ ކޮމިޝަންގެ ރައީސް ޝަހީބާއެކު ބައެއް މެމްބަރުން --ފައިލް ފޮޓޯ/ރައީސް އޮފީސް

ގައުމީ މަސްލަހަތު ނަގާލައި ޓެރަރިޒަމް އަށް މަގުފަހިވާ ގޮތަށް ބްރޯޑްކާސްޓް ކުރާ ހުރިހާ ޓީވީ ޗެނަލެއް އެއްވެސް އެންގުމަކާ ނުލައި ބަންދުކުރާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

ބްރޯޑްކޮމްގެ މެމްބަރު އިސްމާއިލް ސޮފްވާން "ސަން" އަށް މިރޭ ވިދާޅުވީ، މިހާރު އޮތް ބްރޯޑްކޮމްގެ ބޯޑް އޮތްހާ ހިނދަކު އަދި ކަމާ ގުޅުންހުރި ގާނޫނުތައް ބަދަލުނުކުރާހައި ހިނދަކު، މީގެ ކުރިން ވެސް އަންގާފައިވާ ގޮތުގެ މަތީން ގައުމީ ސަލާމަތަށް ނުރައްކާ ގޮތަށް އަމަލުކުރާ ހުރިހާ ޓީވީ ސްޓޭޝަނެއް ބަންދުކުރާނެ ކަމަށެވެ.

އެގޮތުން މިހާރުގެ ހާލަތަށް ބަލާނަމަ ގައުމުގެ މަސްލަހަތު ގެއްލޭ ގޮތަށް ބްރޯޑްކާސްޓް ކުރާ ޓީވީ ޗެނަލްތަކާއި ދޮގު މައުލޫމާތު ފަތުރާ ޓީވީ ޗެނަލްތަކަކީ އެފަދަ ތަންތަން ކަމަށް ބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޮފްވާން އެހެން ވިދާޅުވެފައިވާއިރު، ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރާ ގުޅިގެން ބައެއް މީޑިއާ ތަކުން ވަނީ އެ އަމުރަކީ އެ ކޯޓުގެ ވެބްސައިޓް ހެކް ކޮށްގެން ނެރުނު ބަޔާނެއް ކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅޭ ގޮތަށް ބްރޯޑްކާސްޓް ކޮށްފައެވެ.

އެގޮތަށް ބްރޯޑްކާސްޓް ކުރުމުން ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެކަން ދޮގުކޮށް، ސުޕްރީމް ކޯޓުގެ ވެބްސައިޓް ހެކް ކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް