އެމްއެމްޕީއާރުސީ މައްސަލާގައި 12 ބޭންކް އެކައުންޓެއް ފްރީޒުކުރަން އަމުރުކޮށްފި

މުހައްމަދު އައްލާމް ލަތީފު: އޭނާާއާ ގުޅުން ހުރި 10 އެކައުންޓެއް ފްރީޒްކުރަން ކޯޓުން އަމުރުކޮށްފައިވޭ ---

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ފައިސާއަށް ހިޔާނާތްތެރިވީ މައްސަލާގައި 12 ބޭންކް އެކައުންޓެއް ފްރީޒްކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ދައުލަތުން ދައުވަކުރާ މައްސަލައަކާ ގުޅިގެން އިއްޔެ ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ފްރީޒް ކުރަން އަމުރުކޮށްފައި ވަނީ މ. ސެސްނާ މުހައްމަދު އައްލާމް ލަތީފު (މޮހޯ)ގެ ބޭންކް އެކައުންޓާއި އޭނާގެ ބައްޕަ އަބްދުއްލަތީފު އަބޫބަކުރުގެ ބޭންކް އަކައުންޓް ހިމެނެ ގޮތަށް 10 ކުންފުންޏެއްގެ ބޭންކް އަކައުންޓެވެ.

އެކައުންޓް ފްރީޒު ކުރި ކުންފުނިތައް

  • އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް،
  • އެސްއޯއެފް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑް،
  • އެސްއޯއެފް ސާވިސް ޕްރައިވެޓް ލިމިޓެޑް،
  • ވައިލްޑް އަލްމަންޑް ޕަރައިވެޓް ލިމިޓެޑް،
  • ޕްރެންޒާ ޕްރިންޓާސް ޕްރައިވެޓް ލިމިޓެޑް،
  • ދިވެހި މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް،
  • އެސްއޯއެފް ޑިވެލޮޕްމެޓް ޕްރައިވެޓް ލިމިޓެޑް،
  • ގްލެޑިއަން ޕްރައިވެޓް ލިމިޓެޑް،
  • ގްލެޑިއަން މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑް،
  • ބިޒްނަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ކޯޓު އަމުރުގައި އަންގާފައި ވަނީ އައްލާމް ލަތީފާއި އޭނާގެ ބައްޕަގެ ހިއްސާއެއް އެއިން އެއްވެސް ކުންފުންޏެއްގައިވާ ނަމަ، އެ ހިއްސާ އެހެން ފަރާތަކަށް ބަދަލު ނުކުރުމަށެވެ.

ކޯޓު އަމުރު އެގޮތަށް ނެރުނީ އެމްއެމްޕީއާރުސީގެ 2.5 އެމެރިކާ ޑޮލަރު އައްލާމުގެ ހިއްސާ އޮންނަ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ.

އެމައްސަލާގައި ޖިނާއީ ތުހުމަތުތަކެއް ކުރެވި ތަހުގީގެއް ހިންގިފައިވާކަން ފާހަގަކޮށް ކޯޓު އަމުރުގައި ބުނެފައި ވަނީ އެ ފައިސާ ދައުލަތަށް ނުލިބިދާނެ ކަމުގެ ބިރު އޮތުން ވަގުތީ އަމުރެއް މެދުވެރިކޮށް ހިމާޔަތް ކުރަން ޖެހޭ ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށެވެ.

ދައުލަތުން ވަނީ އަހުމަދު އިޝްފާހު އަލީގެ އެކައުންޓްތައް ވެސް ފްރީޒް ކޮށްދޭން އެދިފަ އެވެ. އެހެން ނަމަވެސް އިޝްފާހުގެ ޕާސަނަލް އެކައުންޓްތަކާއި އޭގައި ހުރި ފައިސާއާ ހުރި ގުޅުން ބަޔާންކޮށްދެވިފައި ނުވާތީ އެމަކަށް އަމުރު ކުރެވެން ނެތް ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި އެ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ޖިނާއީ ގިނަ ދައުވާތަކެއް ކުރެވި ޝަރީއަތް ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް