"ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"ވޯލްޑް ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި----

ކޮންމެ އަހަރަކު "ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދޭ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކަމަށް އެދޭ ފޯމް ފޯމު ހެލްތު މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ލިބެން ހުންނާނެ ކަމަށާއި މިނިސްޓްރީގެ ވެބްސައިޓް www.health.gov.mv އިން ލިބެން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭ" އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި އެ މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެެވޯޑެކެވެ.

މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރަކީ "ޓޮބޭކޯ އެންޑް ހާޓް ޑިޒީޒް" އެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދާއިރާ އިން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ ފަރުދުންނާއި މުއައްސަސާތަކަށް ޑަބްލިއުއެޗްއޯގެ ފަރާތުން 1988 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑެކެވެ.

ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހެވެ.

comment ކޮމެންޓް