އާ ކާގޯ ޓާމިނަލާ އެކު ރާއްޖޭގައި ރީއެކްސްޕޯޓު މާކެޓެއް އުފެދޭނެ: އިކޮނޮމިކް މިނިސްޓަރު

ވީއައިއޭގެ އާ ކާގޯ ކޮމްޕްލެކްސްގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ސަން ފޮޓޯ ފަޔާޒު މޫސާ

ރާއްޖެއިން އެކި ގައުމުތަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރަމުންދާ ދަނޑިވަޅުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖާގަ ތަނަވަސް ކާގޯ ޓާމިނަލް ކޮމްޕްލެކްސްއެއް އެޅިގެން ދިއުމަކީ ރާއްޖޭގައި ރީއެކްސްޕޯޓު މާކެޓެއްގެ ފެށުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓަމިނަލް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ހުޅުލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއަށް ޖައްސާ ފްލައިޓުތަކަކީ ފަސިންޖަރުންނެކޭ އެއްފަދައިން ކާގޯ ވެސް އުފުލާ ފްލައިޓުތަކަކަށްވެގެން ދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އެއާ ކާގޯ ގެންނަ އިރު، އޭގެ ތެރެއިން ބައެއް ކާގޯއަކީ ރާއްޖެ އަށް ބޭލުމަށް ފަހު ކަނޑާއި ވައިގެ މަގުން އެހެން ގައުމުތަކަށް ފޮނުވާ ކާގޯ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ކޮމްޕްލެކްސް އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އޭޝިއާ ސަރަހައްދު ތަރައްގީވަމުން އަންނަކަން އެބަ އެނގޭ. ރާއްޖެ ހިމެނޭ ސަރަހައްދުގެ ގޮތުން ވަރަށް ބޮޑު ފުރުސަތެއް އެބަ އޮތް ކާގޯ އިތުރުުކުރަން،"

މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހަދަމުންދާ އިރު، ރާއްޖެއިން ތަކެތި އެކްސްޕޯޓު ކުރުމަށް ވަރަށް ބޮޑު ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.

"ދުނިޔޭގެ ކޮންމެ ސީފުޑް މާކެޓަކުން ވިޔަސް ރާއްޖެއަށް ސީފުޑް ގެނެސްގެން، ކޮންމެވެސް ވަރެއްގެ ވެލިއު އެޑް ކޮށްފައި ބޮޑެތި ބާޒާރުތަކަށް އެކްސްޕޯޓު ކުރުމުގެ ފުރުސަތު ފަހިވެފައި މިއޮތީ. އެހެންވީމާ އަޅުގަނޑުމެންނަށް ރީއެކްސްޕޯޓު މާކެޓެއް މިއޮތީ ފަހިވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް މިހާރު އެކުލަވާލާފައިވާ އިރު، އެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް ސީފުޑްގެ ޕްރޮޑަކްޓްތައް ސުން ޕަސަންޓުގައި އެކްސްޕޯޓުކުރުމުގެ ފުރުސަތު އޮވެ އެވެ.

މިނިސްޓަރު ވިދާޅުވީ، ކާގޯ ޓާމިނަލް މިހާރު ހުރި ތަނުގައި ބަހައްޓައިގެން ވެސް ތަރައްގީ ކުރެވިދާނެ ކަމަށާއި ނަމަވެސް ޓާމިނަލްގެ ލޮކޭޝަން ބަދަލުކޮށް، އާ ޓާމިނަލެއް އެޅުމުގެ ސިއްރަކީ އެއީ ކަމަށެވެ.

ވީއައިއޭގެ އާ ކާގޯ ކޮމްޕލެކްސްގެ ބިންގާ އެޅުން -- ސަން ފޮޓޯ ފަޔާޒު މޫސާ

"ސަރުކާރުން މުޅި އިގްތިސާދީ ސިޔާސަތު އެކުލަވާލި އިރު މިކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި،" ސައީދު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓަމިނަލް ހަދަނީ އެތަނަށް ޚާއްސަ ކާގޯ ޖެޓީއަކާ ވެސް އެކުގަ އެވެ. އެތަނުގެ މަސައްކަތް ކުރަނީ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. އެއާޕޯޓުގެ ދެވަނަ ރަންވޭއާއި އާ ފިއުލް ފާމްގެ މަސައްކަތް ވެސް ކުރަނީ ބީޔޫސީޖީންނެވެ.

އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސް ނިމުމުން އަހަރަކު 120،000 ޓަނުގެ އެއާ ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

comment ކޮމެންޓް