ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ކޮމްޕްލެކްސްގެ މަސައްކަތް ފަށައިފި

ވީއައިއޭގެ އާ ކާގޯ ކޮމްޕލެކްސްގެ ބިންގާ އެޅުން -- ސަން ފޮޓޯ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ވެލާނާ އެއާޕޯޓުގެ އާ ކާގޯ ކޮމްޕްލެކްސް އަޅަނީ، ހުޅުލޭގައި ހުންނަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ސާވިސަސް ހިންގާ އިމާރާތާ ޖެހިގެން އޮންނަ ހުސް ބިމުގައެވެ. އެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫއސީޖީ)ންނެވެ.

މިއަދު އެސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، އާ ކާގޯ ކޮމްޕްލެކްސްގެ ބިންގާ އަޅައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ އަދި ބީޔޫސީޖީގެ ޖެނެރަލް މެނޭޖަރު ލީ ޑައަޮ ސޮންގެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ކޮމްޕްލެކްސް އެޅުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، މިހާރު އެއާޕޯޓުގައި ހުރި ކާގޯ ކޮމްޕްލެކްސްއަކީ، ކާގޯ ކޮމްޕްލެކްސްއެއްގެ ސިފައިގައި ހަދާފައިވާ އިމާރާތަކަށް ނުވާތީ، އެތަނުގައި މަސައްކަތް ކުރުމަށް ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

"ޖާގައިގެ ދަތިކަމާއި، ބެނުންވާ އިކުއިޕްމެންޓަށްވެސް އެންމެ ފުރިހަމަ ގޮތުގައި ގާއިމު ކޮށްފައެއް ނުވޭ،" އާދިލް ވިދާޅުވިއެވެ

އާދިލް ވިދާޅުވީ، އެތަނުގައި ޖާގަ ނެތިގެން ބައެއް ފަރާތްތަކަށް އެ އިމާރާތުގެ ބޭރުންވެސް ޖާގަ ދީފައިވާ ކަމަށެވެ. އަދި ބައެއް ކުންފުނިތަކުން މާލޭގައިވެސް ކާގޯ އޮފީސްތައް ހިންގާކަން އާދިލް ފާހަގަކުރެއްވިއެވެ.

"އަލަށް އަޅާ ކޮމްޕްލެކްސްއާ އެކު މި ހުރިހާ މައްސަލަތައް ހައްލުވާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއަޕޯޓަށް އަންނަ އެއާލައިންތަކުގެ އިތުރަށް، ކުރިޔަށް އަންނާނެ އެއާލައިންތައް އޮޕަރޭޓުކުރަން ޖެހުނަސް އެވަރުގެ ޖާގަ މިތަނުން ލިބޭނެ،" އާދިލް ވިދާޅުވިއެވެ.

ވީއައިއޭގެ އާ ކާގޯ ކޮމްޕލެކްސްގެ ބިންގާ އެޅުން -- ސަން ފޮޓޯ ފަޔާޒު މޫސާ

އާދިލް ވިދާޅުވީ އަލަށް ހެދޭ ކާގޯ ކޮމްޕްލެކްސްއާ އެކު، ކާގޯއަށް ޚާއްސަ ޖެޓީއަކާއި، ކްރޭނުތަކެއް ހަރުކުރާނެ ކަމަށެވެ.

އެ މަސައްކަތް ނިންމާލެވޭނެ ތާރީޚެއް އެމްއޭސީއެލްއިން ހާމައެއް ނުކުރެއެވެ. ނަމަވެސް ކާގޯ ޓާމިނަލް ކޮމްޕްލެކްސް ނިމުމުން އަހަރަކު 120،000 ޓަނުގެ އެއާ ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

comment ކޮމެންޓް