އާސެނަލްގެ ކޮންޓްރެކްޓް އޮޒިލް އާކޮށްފި، ބަޓްސްޗުއާއީ ޑޯޓުމަންޑަށް

އާސެނަލަށް ކުޅެމުން އަންނަ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް --- ފޮޓޯ/ ރޮއިޓާސް

އާސެނަލަށް ކުޅެމުން އަންނަ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

ފިނި މޫސުމުގެ ޓްރާންސްފާގެ ފަހު ދުވަހު ޓްރާންސްފާ މާކެޓް ހަލަބޮލިވެފައިވާ އިރު، މިއަދު އަންނަނީ ގިނަ ޓްރާންސްފާތަކެއް ހިނގަމުންނެވެ. އެގޮތުން ކްލަބު ރެކޯޑު އަގަކަށް އާސެނަލުން ވަނީ ޑޯޓުމަންޑަށް ކުޅެމުންދިޔަ ގެބޯންގެ ފޯވާޑް ޕިއެރޭ އެމްރިކް އޮބަމަޔާން ވެސް ހޯދައިފައެވެ. އަދި އޭނާގެ ބަދަލުގައި ޑޯޓުމަންޑުން ވަނީ ޗެލްސީއަށް ކުޅެމުންދިޔަ ބެލްޖިއަމް ފޯވާޑް މިޗީ ބަޓްސްޗުއާއީ ލޯން އެއްބަސްވުމެއްގެ ދަށުން އެ ކްލަބަށް ގެންގޮސްފައެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުން އާސެނަލާއެކު އޮޒިލް ކޮންޓްރެކްޓް އާކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނިޔަލަށެވެ. އާ ކޮންޓްރެކްޓުގައި އޮޒިލްގެ މުސާރައެއްގެ ގޮތުގައި އެއްބަސްވެފައިވަނީ ހަފްތާއެއްގެ ތެރޭގައި 350،000 ޕައުންޑްގެ މުސާރައެކެވެ. މި މުސާރައާއެކު އޮޒިލް ވެފައިވަނީ އާސެނަލްގެ ތާރީހުގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.

ޗެލްސީއަށް ކުޅެމުންދިޔަ ބަޓްސްޗުއާއީ ޑޯޓުމަންޑަށް ގޮސްފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން މިސީޒަންގެ ނިޔަލަށެވެ. ބީބީސީ ބުނާގޮތުން އޭނާ އަންނަނީ ޑޯޓުމަންޑުގެ މެޑިކަލް ފުރިހަމަ ކުރަމުންނެވެ. އަދި ބަޓްސްޗުއާއީ ޗެލްސީ ދޫކޮށްލުމާއެކު އާސެނަލްގެ އޮލިވިއާ ޖިރޫ ޗެލްސީއަށް ދާނެ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗެލްސީން ފޯވާޑެއް ހޯދަމުންދާ މަސައްކަތުގައި އެޓީމުން ވަނީ ޓޮޓެންހަމްއަށް ކުޅެމުންދާ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ލޮރެންޓޭއާއި ބަޓްސްޗުއާއީ ބަދަލުކުރުމަށް ވެސް ކުރިން ހުށަހަޅައިފައެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ބަޓްސްޗުއާއީ ބޭނުންވީ ޑޯޓުމަންޑަށް ދިއުމަށެވެ.

comment ކޮމެންޓް