ގާކޮށިބީގައި ތަރައްގީކުރާ "ފެއާމޮންޓް ސިއްރު ފެންފުށި" ރިސޯޓު އޭޕްރިލް މަހު ހުޅުވަނީ

ށ. ގާކޮށިބީގައި ތަރައްގީކުރާ ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓު -- ފޮޓޯ/ ދަ ލަގްޒަރީ އެޑިޓަރ

ށ. ގާކޮށިބީގައި ތަރައްގީކުރަމުންދާ ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓު މިއަހަރުގެ އޭޕްރިލް މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ސިއްރު ފެންފުށި ރިސޯޓު ހުޅުވަނީ ލަގްޒަރީ ފެންވަރުގެ 120 ވިލާއާ އެކުއެވެ. އަދި އެ ރިސޯޓުގައި، ރާއްޖޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ދާރުލްއާސާރު ވެސް ހުންނާނެއެވެ. އެ ދާރުލްއާސާރުގެ ކްރިއޭޓަރަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ އާޓިސްޓް ޖޭސަން ޑެކެއަސް ޓޭލާއެވެ.

ސިއްރު ފެންފުށި ރިސޯޓަކީ އާއިލާތަކަށް ވެސް ޚާއްސަކޮށްގެން ޚިދުމަތްތައް ފޯރުކޮށްދޭ ލަގްޒަރީ ރިސޯޓެއް ކަމަށް އެ ރިސޯޓު ހިންގާ ފެއާމޮންޓް ހޮޓެލްސްއިން ބުނެއެވެ.

އާ ބާވަތެއްގެ ލަގްޒަރީއެއް ފޯރުކޮށްދޭން ތައްޔާރަށް ހުރި ފެއާމޮންޓުން ބުނީ، ސިއްރު ފެންފުށި ރިސޯޓުން ޚިދުމަތް ދޭނީ ޚިދުމަތްތަކާ ގުދުރަތާއި، މުޖުތަމައާ ވަރަށް ބޮޑަށް ގުޅުވައިގެން ކަމަށެވެ.

ފެއާމޮންޓް ހޮޓެލްސްގެ ބްރޭންޑުގެ ދަށުން ދުނިޔޭގެ ގިނަ ހޮޓެލްތަކާއި ރިސޯޓު ހިންގައެވެ. އޭގެ ތެރޭގައި ނިއު ޔޯކްގައި ހުންނަ މަޝްހޫރު "ދަ ޕްލާޒާ" ހޮޓެލްއާއި، ލަންޑަނުގެ "ދަ ސެވޯއި" ހޮޓެލުގެ އިތުރުން ޝަންގްހާއީގެ ފެއާމޮންޓް ޕީސް ހޮޓެލާއި ކެނެޑާގެ ކެބެކް ސިޓީގައި ހުންނަ ފެއާމޮންޓް ލެ ޝެޓޫ ފްރޮންޓެނަކް ހިމެނެއެވެ.

comment ކޮމެންޓް