އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ޓާޓާ ފްލެޓްތައް ވިއްކަން އަލުން ހުޅުވާލައިފި

ކުރީގެ އަރަބިއްޔާ ސްކޫލް އިމާރާތުގައި އަޅާފައިވާ މާލޭ ސްކެއާރ ފުލެޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ވިއްކުން މެދުކަނޑާލާފައި އޮތުމަށްފަހު، އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަންގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ މި ޕޯޓަލް މެދުވެރިކޮށް ފްލެޓް ގަންނަން ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު ޝަރުތު ފުރިހަމަވާ ފަރާތްތަކާއި ފުރިހަމަ ނުވާ ފަރާތްތަކަށް އެކަން އެސްއެމްއެސްއަކުން އަންގާނެ ކަމަށެވެ.

ފްލެޓު ގަންނަން ލިބެނީ ދެ ޝަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެއީ ދިވެއްސަކަށް ވުމާއި އުމުރުން 21 އަހަރު ފުރިފައިވުމެވެ.

ޝަރުތުތައް ހަމަވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ މުއްދަތުގައި ލިޔުންތައް އެ ކޯޕަރޭޝަނަށް ހުށަހަޅާފައި ނުވާ ނަމަ ފްލެޓު ގަތުމަށް އެ ފަރާތްތަކުން ހުށަހަޅާފައިވާ ހުށެހެޅުން ބާތިލު ވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ގަތުމަށް ހުޅުވާލާފައި ވަނީ ޓާޓާ އިން އިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން 159 ފްލެޓެވެ. އެއީ ގާކޮށިން 111 ފްލެޓާއި ވޭލް ސަބްމެރިން އިން 48 ފްލެޓެވެ.

comment ކޮމެންޓް