އިބްރަހިމޮވިޗް ޔުނައިޓެޑުގައި މަޑުކުރުމަށް ބެކަމް އެދިއްޖެ

މެންޗެސްޓާ ޔުނައިޓެޑްގެ ސްޓްރައިކަރު ޒްލަޓަން އިބްރަހިމޮވިޗް: އެމެރިކާގެ ގެލެކްސީއާ އިބްރަހިމޮވިޗް ގުޅުމާ ގާތުގައި އުޅޭކަމަށް ހަބަރުތައް ބުނޭ ---

ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް، މެންޗެސްޓާ ޔުނައިޓެޑުގައި މަޑުކުރުމަށް އެ ކްލަބުގެ ލެޖެންޑް ޑޭވިޑް ބެކަމް އެދިއްޖެއެވެ.

ޔުނައިޓެޑުގައި މަޑުކުރުމަށް އިބްރަހިމޮވިޗްގެ ކިބައިން ބެކަމް އެދުނު އިރު، މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ ފަސް ފަހަރުގެ ޗެމްޕިއަން އެލްއޭ ގެލެކްސީއަށް އިބްރަހިމޮވިޗް ދިއުމާ ގާތުގައި އުޅޭ ކަމަށް ހަބަރުތައް ބުނެއެވެ. އެކަމާ ގުޅޭގޮތުން ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ވެސް ދާދިފަހުން ބުނެފައިވަނީ، އެހެން ކްލަބަކާ ގުޅެން ބޭނުންވާނަމަ އެކަން ނުހުއްޓުވާނެ ކަމަށެވެ.

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި އިބްރަހިމޮވިޗްއާއެކު ކުޅުނު ބެކަމް ބުނީ އިބްރަހިމޮވިޗް އެހެން ކްލަބަކަށް ދާތަން ބަލަން އަދި ތައްޔާރު ނޫން ކަމަށެވެ.

"ކޮންމެ ގޮތަކަށް އިބްރަހިމޮވިޗްއާ ބެހޭގޮތުން ވާހަކަ ދެއްކިޔަސް، އޭނާއަކީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އޭނާއަކީ ވަރަށް ރަނގަޅު މީހެއް. އެމެރިކާ ލީގަށް އޭނާ އައުމަކީ ރަނގަޅު ކަމެއް. އެކަމަކު މިވަގުތު އިބްރަހިމޮވިޗްއަކީ ޔުނައިޓެޑުގެ ކުޅުންތެރިއެއް. އެކަމާމެދު އަހަރެން އުފާކުރަން. އަދި ބޭނުންވަނީ ވެސް ޔުނައިޓެޑުގައި އޭނާ މަޑުކުރުން. އެކަމަކު ކޮންމެވެސް ހިސާބެއްގައި އޭނާ މި ލީގަށް އައިސްދާނެ،" ބެކަމް ބުންޏެވެ.

ބެކަމް ވަނީ 1992 އިން ފެށިގެން 2003ގެ ނިޔަލަށް ޔުނައިޓެޑަށް ކުޅެ، 2007 އިން 2012ގެ ނިޔަލަށް އެލްއޭ ގެލެކްސީޢަށް ކުޅެފައެވެ.

އެމެރިކާ ލީގަށް، އުމުރުން 36 އަހަރުގެ ފޯވަޑް އިބްރަހިމޮވިޗް ގުޅޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަބަބެއް ކަމުގައި ގިނަ ބަޔަކު ދެކެނީ، ކަކުލަށް ލިބުނު އަނިޔާއަށްފަހު ޔުނައިޓެޑުގެ ފުރަތަމަ 11އިން އިބްރަހިމޮވިޗަށް ޖާގަ ނުލިބުމެވެ.

comment ކޮމެންޓް