މާދަމާ ރޭ ބޮޑު ނޫ ހަނދަކާއެކު ހިފާ ފުރިހަމަ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ

މާދަމާ ރޭ ސުޕަމޫން ނޫ ހަނދަކާ (ބްލޫމޫން) އެކު ހިފާ ފުރިހަމަ ހަނދުކޭތަ ރާއްޖެއަށް ވަރަށް ރީތިކޮށް ފެންނާއެވެ.

މަދަމާ ރޭ ހަނދުއަރާއިރުވެސް ހުންނާނީ ކޭތަ ހިފައިފައެވެ. މިއީ ފަލަކީ ތިން ޙާދިސާއެއް އެކުވެގެން ހިފާ ހަނދު ކޭތައެކެވެ. ފުރަތަމަ ކަމަކީ މާދަމާ ރޭގެ ހަނދު ބުލޫމޫންއަކަށް ވުމެވެ. ދެވަނަ ކަމަކީ އާދައިގެ ހާލަތުގައި ހުންނަ ވަރަށްވުރެ ދުނިޔެއާ ގާތުގައި ހަނދު ހުރުމެވެ. މިހާލަތަށް ކިޔަނީ ސުޕަމޫން އެވެ. މާދަމާރޭ ކޭތަ ހިފާއިރު ހަނދު ހުންނާނީ ބިމާ ގާތްގަނޑަކަށް ތިންލައްކަ ފަސްދޮޅަސް ހާސް ކިލޯމީޓަރުގެ ދުރުމިނުގައެވެ. މިއީ އެނޫން ހާލަތުގައި ހަނދު ހުންނަ ވަރަށްވުރެ ގާތްގަނޑަކަށް ހަތް ހާސް ކިލޯމީޓަރު ކައިރި ހާލަތެކެވެ. ތިންވަނަ ކަމަކީ ދުނިޔޭގެ ހިޔަނި ހަނދަށް އެޅުމެވެ. މިހާލަތަށް ކިޔަނީ ހަނދުކޭތަ ހިފުމެވެ.

މާދަމާރޭ މިފެންނަ ހަނދުކޭތައަކީ މިތިން ހާލަތު އެކުވެގެން ހިފާ ކޭތައެކެވެ. މިއީ ނާދިރު ކޭތައެކެވެ. މިހާލަތު އަންނާނެ ކަމަށް ފަޒާގެ އިލްމުވެރިން ވިދާޅުވަނީ ކޮންމެ ސަތޭކަ ފަންސާސް ހަ އަހަރުން އެއްފަހަރުއެވެ. މިގަރުނުގެ ތެރޭގައި މިހާލަތުގައި ހިފާ ހަނދު ކޭތައެއް ދެން ނުހިފާނެއެވެ.

މާދަމާރޭ ހިފާނީ ފުރިހަމަ ހަނދުކޭތައެއް ނަމަވެސް ހަނދުގެ އަލިކަން ކޮންމެވެސް ވަރަކަށް ހުންނާނެއެވެ. އެއްކޮށް ކަޅުވެފައެއް ނުހުންނާނެއެވެ. އެހެންވަނީ ބިމުގެ ހިޔަނި ހަނދަށް އެޅޭގޮތުންނެވެ. އެހާގާތުން ހިޔަނި އެޅުމުގެ ބަދަލުގައި މާދަމާރޭ ރާއްޖެއަށް ފެންނަ ކޭތައިގެ ހާލަތުގައި ބިމުގެ ހިޔަނި ހަނދަށް އެޅިފައި ހުންނާނީ ވަރަށް ދުރުންނެވެ. އެހެންކަމުން ކޭތަ ހިފާފައި ހުންނައިރުވެސް ކޮންމެވެސް އަލިކަމެއް ހަނދުގައި ހުންނާނެއެވެ. ނަމަވެސް ފުރިހަމަ އަލިކަމެއް ނުހުންނާނެއެވެ. މިއާއެކު ހަނދު ހުންނާނީ މުޅިން ތަފާތު ގޮތަކަށެވެ.

މާދަމާ ރޭ ގެ ހަނދު، ނޫހަނދަކަށް ނުވަތަ ބްލޫމޫން އަކަށްވަނީ ހަނދުގެ ކުލަ ނޫވެގެނެއްނޫނެވެ. ބްލޫ މޫންގެ ނަމުން ފަޒާގެ އިލްމުވެރިން ހަނދަށް ނަންދެނީ މީލާދީ މަހެއްގެ ތެރޭގައި ދެފަހަރު ފުލްމޫން (ހުޅެވިހަނދު) އެއް ފެނުމުން ދެވަނަ ފަހަރަށް ފެންނަ ފުލްމޫން އަށެވެ. މިޖަނަވަރީ މަހުގެ އެއްވަނަ ދުވަހަކީ ހަނދުމަހުގެ (ރަބީއުލްއާޚިރު މަހުގެ) ސާދަވަނަ ދުވަސްކަމުން އެރޭގައިވަނީ ފުލްމޫނެއް ފެނިފައެވެ. އަނެއްކާ މާދަމޭރޭ (ޖަނަވަރީ މަހުގެ އެއްތިރީސް) ވަނަ ދުވަހަކީ ޖުމާދަލްއޫލާ މަހުގެ ސާދަވަނަ ދުވަސްކަމުން މާދަމާރޭގެ ހަނދަށް ކިޔާނީ ފަލަކީ ގޮތުން ބްލޫ މޫންއެވެ.

ހަނދު ކޭތަ ހިފާފައިވާއިރު ހަމަލޮލުން ހަނދަށް ބެލިނަމަވެސް ލޮލަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ސަބަބަކީ ހަނދަކީ އޭގެ ޒާތުގައި އަލިކަން ނެތް އެއްޗަކަށްވެފައި ހަނދުން ފެންނަ އަލިކަމަކީ އިރުން އެޅިފައިވާ އަލީގެ ސަބަބުން ފެންނަ އަލިކަމަކަށް ވާތީއެވެ. އިރުގެ ހާލަތު މިއާ މުޅިން ތަފާތެވެ. އިރަކީ ތަރިއެކެވެ. އިރަކީ ނިއުކްލިޔަރ ރިއެކްޝަންތަކަކާއެކު އަނދައަނދާ ހުންނަ ގޭސްތަކެކެވެ. ކޭތަ ނުހިފާއިރުވެސް އިރަށް ބެލުމަކީ ލޮލުގެ ފެނުން ގެއްލިގެންދާފަދަ ބޮޑު ގެއްލުމެއް ލޮލަށް ލިބޭނެ ކަމެކެވެ. އެހެންކަމުން އިރަށް ބަލަންޖެހޭނީ އިރުން ފޮނުވާ ރޭޑިއޭޝަން ތަކުން ލޯ ސަލާމަތްކުރާ ބާވަތުގެ އައިނެއް އަޅައިގެންނެވެ.

މާދަމާ ރޭގެ ހަނދު ކޭތަ އޭޝިޔާގެ ހުރިހާ ސަރަހައްދު ތަކަކަށްވެސް ފެންނާނެއެވެ. މީގެއިތުރުން އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑާއި އުތުރު އެމެރިކާއާއި އޮސްޓްރޭލިޔާއާއި ޔޫރަޕްގެ އިރުމައްޗަށްވެސް މި ކޭތަ ފެންނާނެއެވެ. ނަމަވެސް ހުޅަނގު ޔޫރަޕަކަށް ނުފެންނާނެއެވެ. ރާއްޖެއަށް ކޭތަ ފެންނައިރު ހަނދަށް ދުނިޔޭގެ ހިޔަނި އެޅިފައި ހުންނާނީ ވަރަށް ދުރުންނެވެ. އެހެންކަމުން ހަނދުގެ އަލިކަން ގެއްލޭވަރަށް ހިޔަނީގެ ސަބަބުން ހަނދު ކަޅުވެގެނެއް ނުދާނެއެވެ. ނަމަވެސް އެހެން ބައެއް ސަރަހައްދުތަކަށް ހަނދުކޭތަ ފެންނާނީ މިއާ ތަފާތު ގޮތްތަކަށެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް