ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލި އެމެރިކާ، އުތުރު ކޮރެއާ ފަދަ ގައުމަކަށް ބަދަލުވަނީ

މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް އެކްޓިވިސްޓަކު ހައްޔަރު ކުރަނީ --

ވޮޝިންޓަން (16 އެޕްރީލް 2025): އެމެރިކާގައި ފަރުދީ މިނިވަންކަމާއި ޑިމޮކްރަސީގެ އަސާސްތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ގެއްލެމުންދާތީ އެމެރިކާއަކީ އުތުރު ކޮރެއާފަދަ ގައުމެއްކަމުގެ އިހްސާސް ކުރެވެން ފަށައިފި ކަމަށް އެމެރިކާގެ ބައެއް ނޫންވެރިންނާއި މުހައްލިލުން ބުނެފިއެވެ.

އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ އަދި އެނަލިސްޓް ފަރީދު ޒަކަރިއްޔާ ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން މިހާރު ފެންނަނީ ސުލްހަވެރި މުޒާހަރާތައް ސަޕްރެސްކޮށް ރޫޅާލައި މުޒާހަރާތަކުގެ ބައިވެރިން ހައްޔަރުކުރާ މަންޒަރުތަކާއި ފާޑުކިޔާ ފަރާތްތައް އެމެރިކާއިން ބޭރުކޮށް ނުވަތަ އެފަދަ ފަރާތްތައް ޝަރީއަތަކާ ނުލައި ހައްޔަރު ކުރުމަށްޓަކައި ޑިޓެންޝަން ކޭންޕްތަކަށް ގެންދާ މަންޒަރުކަމުގައެވެ.

އެމެރިކާގައި ދިރިއުޅޭ މިސްރު ދަރިކޮޅުގެ މުހައްލިލެއްކަމަށްވާ ޑރ. ޚަލީލް އަލްއަނާނީ ވިދާޅުވިގޮތުގައި ކުރިން އޮތް މިނިވަން ޑިމޮކްރެޓިކް އެމެރިކާ މިހާރަކު ނެތެވެ. މިހާރުގެ އެމެރިކާއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިންތިހާއަށް ހަނި އަދި ޓްރަމްޕާއި އިސްރާއީލަށް ފާޑުކިޔާ މީހުން ހައްޔަރުކުރާ ޕޮލިސް ސްޓޭޓެކެވެ.

އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ޖެފްރީ ސާކްސް ވިދާޅުވިގޮތުގައި އެމެރިކާގެ ޔުނިވާސިޓީތަކުގެ އެކެޑަމިކް މިނިވަންކަން ދަނީ ވަރަށް ބޮޑަށް ނަގާލަމުންނެވެ. ކިޔަވާކުދިންނަށާއި އެކަޑެމިކުންނަށް ބާރާއި ނުފޫޒު ހިންގައި އެފަރާތްތައް ކޮންޓްރޯލްކުރުމަށް އެމެރިކާ ސަރުކާރުންނާއި އިސްރާއީލުގެ ދިފާއުގައި ހަރަކަތްތެރިވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގުރޫޕްތަކުން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އެމެރިިކާގެ 250 އަހަރުވީ ތާރީޚަށް ބަލާއިރު އެމެރިކާގެ ޔުނިވާސިޓީތަކުގައި މި ފެންވަރަށް އެކަޑެމިކް މިނިވަންކަން ގެއްލިގެން ދިޔަ ދުވަސްވަރެއް ނާންނަކަމަށް ޖެފްރީ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ކުށްވެރިކޮށް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަކުން ކުރާ މުޒާހަރާތައް ސްޕަރެސްކޮށް ކުރަނީ އެމެރިކާގެ ފުލުހުން ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށްގެންނެވެ. އިއްޔެ ނިޔުޔޯކްގައި އިސްރާއީލާ ދެކޮޅަށް ކުރި މުޒާހަރާއެއްވެސްވަނީ ބާރުގެ ބޭނުންކޮށްގެން ހުއްޓުވައި ބައެއް އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ.

ވޮޝިންޓަންގައި ޣައްޒާގެ ރައްޔިތުންނަށް ތާއީދުކޮށް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަނީ

އަނެއްކޮޅުން އެމެރިކާގެ ޔުނިވާސިޓީތަކުގެ އިލްމީ މިޝަންތަކުގައި ބޭރު ގައުމުތަކަށް ދިޔުމަށްފަހު އެނބުރި އެމެރިކާއަށް އަންނަ ޕްރޮފެސަރުންނާއި ރީސާޗަރުންވެސް އެމެރިކާގެ އެއާޕޯޓްތަކުގައި ދަނީ ހިފަހައްޓަމުންނެވެ. ހިފެހެއްޓުމަށްފަހު ފުލުހުން ގެންދަނީ މަޖުބޫރުކޮށްގެން އެމީހުންގެ ފޯނު ބަލައި ފަލަސްތީނަށް ތާއީދުކުރާ އަދި ޓްރަމްޕަށް ފާޑުކިޔާ މީހެއްތޯ ބަލަމުންނެވެ.

މިއިންކަމެއްގެ އެއްވެސް ހެއްކެތް ފޯނުން ފެނިއްޖެނަމަ އެމީހެއްގެ އަތުގައިވާ ދިރާސާގެ ސާމްޕަލްތައް އަތުލުމަށްފަހު ފޮނުވާލަނީ އެމެރިކާގެ އެކި ތަންތަނުގައި ޝަރީއަތަކާ ނުލައި ވަގުތީ ގޮތުން ހައްޔަރު ކުރުމަށް ހަދާފައިވާ ޑިޓެންޝަން ސެންޓަރުތަކަށެވެ.

ދާދިފަހުން ފަރަންސޭސިވިލާތުން އައި ޕްރޮފެސަރަކާއި ފިންލެންޑުން ސާމްޕަލްތަކެއް ހިފައިގެން އައި ޕްރޮފެސަރަކުވެސްވަނީ އެތަކެތި އަތުލުމަށްފަހު ލޫޒިޔާނާގައި ހުންނަ ޑިޓެންޝަން ސެންޓަރަކަށް ފޮނުވާލައި މުއްދަތެއްނެތި އެތާނގައި ބަންދުކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެމެރިކާގެ ޔުނިވަސިޓީއެއް ކަމަށްވާ ކޮލަންބިއާ ޔުނިވާސިޓީއަށް ސަރުކާރުން ދޭންޖެހޭ 400 މިލިޔަން ޑޮލަރުގެ ފެޑެރަލް ފަންޑު އެޔުނިވާސިޓީއަށް ނުދޭން މިދިޔަ މަހު ނިންމާފައެވެ. ސަބަބަކީ އެޔުނިވާސިޓީގެ ދަރިވަރުން އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކޮށް މުޒާހަރާކޮށް މިނިވަން އަޑުއުފުލުމުގެ ފުރުސަތު އެޔުނިވާސިޓީން ދޭތީއެވެ.

ނަމަވެސް މިފައިސާ ނުލިބި ޔުނިވާސިޓީގެ ޚަރަދުތައް ކުރަން ދަތިވާ ހިސާބަށް ދިޔުމުން އެޔުނިވާސިޓީން ވަނީ އަމިއްލަ މިިވަންކަން ގުރުބާން ކުރުމަށްފަހު ޓްރަމްޕްގެ އެންގުންތަކާ އެއްގޮތަށް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މިނިވަން ޚިޔާލު ފާޅުކުރުން ހުއްޓުވާނެކަމުގެ ޔަގީންކަންދީ ވައިޓް ހައުސް އަށް ސިޓީއެއް ފޮނުވާފައެވެ. އެއަށްފަހު ޓްރަމްޕް ވަނީ ހިފެހެއްޓި 400 މިލިޔަން ޑޮލަރު އެޔުނިވާސިޓީއަށް ދޭން ނިންމާފައެވެ.

މީގެއިތުރުން ޓްރަމްޕްވަނީ އެމެރިކާގެ މަޝްހޫރު ޔުނިވަސިޓީއެއް ކަމަށްވާ ހަވާޑް ޔުނިވާސިޓީއަށް ސަރުކާރުން 2.2 ބިލިޔަން ޑޮލަރުގެ ފެޑެރަލް ފަންޑު އެޔުނިވާސިޓީއަށް ނުދޭންވެސް ނިންމާފައެވެ. ފެޑްރަލް ސަރުކާރުން ދޭ މިފައިސާ ނުދޭން ޓްރަމްޕް ނިންމެވީ ހަވާޑް ޔުނިވަސިޓީ ހިންގުމާއި އެތަނަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަށް އޭނާގެ ސަރުކާރުން އެންގި އެންގުންތަކަށް އަމަލު ނުކުރެވޭނެކަން އެ ޔުނިވާސިޓީން ހާމަކުރުމާ ގުޅިގެންނެވެ.

އެކަޑެމިކް މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދޫކޮށްލެވޭނެ އެއްޗެއް ނޫންކަމާއި އެކި ދީންތަކާއި ނަސްލުތަކާއި ފިކުރުތަކާއި މުޖުތަމައުތަކުގެ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ޔުނިވާސިޓީން ޒަމާނުއްސުރެ ގެންގުޅޭ މިނިވަން ސިޔާސަތު ބަދަލު ނުކުރާނެ ކަމަށް ބުނެ އެޔުނިވަސިޓީން ވަނީ ބަޔާނެއް ނެރެފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމާއި ގަތުލުއާންމު ހިންގުމުގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުން ޓްރަމްޕްގެ ސަރުކާރުން ސިފަކުރަނީ ޔަހޫދީންނާ ޖައްސާލުންކަމަށެވެ. އަދި ޔަހޫދީންނާ ދެކޮޅަށް ފަތުރާ ހޭޓް ސްޕީޗް ގެ ގޮތުގައެވެ. އެމެރިކާގެ އިތުރުން ޔޫރަޕްގައިވެސް އިސްރާއީލުގެ އަނިޔާވެރިކަން ހިމާޔަތް ކޮށް މިނިވަން އަޑުތައް ކަނޑުވާލުމަށްޓަކައި ބޭނުންކުރަނީ މި ގޮތެވެ.

އިސްރާއީލަށް ފާޑުކިޔައި މުޒާހަރާ ކުރާ ފަރާތްތައް ސްޕަރެސްކޮށް އެމީހުންގެ އަޑުތައް ކަނޑުވާލުމަކީ ކުރިންވެސް އެމެރިކާގައި ކުރާކަމެކެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި މިކަން ހައްދު ފަހަނަޅާއި ދިޔުމުގެ އިތުރުން ޚުދު އޭނާއަށް ފާޑުކިޔާ ފަރާތްތައްވެސް ގެންދަނީ ހައްޔަރު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު