އަބްދުﷲ ރިޔާޒުގެ ސިއްހީ ހާލުކޮޅު ތަންނުދޭތީ މިއަދުގެ ޝަރީއަތް ކެންސަލް

އަބްދުﷲ ރިޔާޒު: އޭނާއާ ދެކޮޅަށް މިއަދު ކުރުމަށް ތާވަލުކޮށްފައިވާ ޝަރީއަތް ކެންސަލް ކުރީ ބަލިވެ އުޅޭތީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދަށް ތާވަލުކުރި ނަމަވެސް އޭނާ ބަލިވެ އުޅުއްވާތީ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަންވެސް ކުރައްވާ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފެށުމަށް ހަމަޖެހިފައި އޮތީ މިއަދު 10:00ގައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ބުނީ އަބްދުﷲ ރިޔާޒު ބަލިވެ އުޅުއްވާތީ އެ މައްސަލަ މިއަދު ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާގޮތުގައި އެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެޔޮމަގުން އޭނާ ހައްޔަރުކޮށް، ފޯނު ހިފަހައްޓައި ޗެކްކުރުމުން އެއިން ދައުލަތުގެ މުވައްޒަފަކާ ރިޔާޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެމަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައިނަމަވެސް ދައުލަތުގެ މުވައްޒަފަކާ އެކު މުވާސަލާތެއް ހިންގުމަކީ ކުށެއް ކަމަށެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ ރިޔާޒަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ރިޔާޒުގެ މައްޗަށް މީގެ ކުރިން ވަނީ ގާނޫނު ތަންފީޒު ކުރަން ހުރި މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާ އުފުލާފައެވެ. ތަހުގީގަށް ރިޔާޒުގެ ފޯނު ހިފެހެއްޓުމުން ޕިން ކޯޑް ދީފައިނުވާތީ އުފިލި އެ ދައުވާ ރިޔާޒުގެ މައްޗަށް ސާބިތެއް ނުވެއެވެ.

ރިޔާޒުގެ މައްޗަށް އަންނަނީ އިތުރު ޝަރީއަތެއް ވެސް ހިންގަމުންނެވެ. އިދިކޮޅު 12 މަޖިލިސް މެންބަރުންނާއެކު ރިޔާޒުގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ އެވެ.

comment ކޮމެންޓް