ގަތަރުން އޮމާނާއެކު ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމްކޮށްފި

ގަތަރާއި އޮމާނުން ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ދޯހާ (29 ޖެނުއަރީ): ސައުދީ އަރަބިއާއާ އެގައުމާ ގުޅިފައިވާ ގައުމުތަކުން ގަތަރާ ދެކޮޅަށް އެޅި ދަތުކުރުމުގެ ފިޔަވަޅުތަކުން އަރައިގަތުމަށް ގަތަރުން އޮމާނާއެކު ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމްކޮށްފިއެވެ.

އިއްޔެ އޮމާންގެ ވެރިރަށް މުސްކަޓްގައި ގާއިމުކުރި އެއްބަސްވުމުގައި، އުފެއްދުންތެރިކަމާއި އަދި އެހެނިހެން ދާއިރާތަކުން އެއްބާރުލުންދީ އޮމާނުން ގަތަރަށް ތަފާތު ވައްތަރުގެ ކާބޯތަކެތި އެކްސްޕޯޓު ކުރުމަށް އެއްބަަސްވިކަމަށް އޮމާންގެ ނިއުސް އޭޖެންސީ އޮނާއިން ބުންޏެވެ.

އޮމާނުގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ފުއާދު އަލް ސަޖްވާނީ ވިދާޅުވީީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ކިތަންމެ ރަނގަޅަކަށްވެސް އެއްބަސްވުމުގެ ސަބަބުން ހާމަވެއްޖެ ކަމަށެވެ.

ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީއާއި އެގައުމާ ގުޅިފައިވާ ގައުމުތަކުން ވަނީ ގަތަރާ ހުރިހާ ގުޅުމެއް މިދިޔަ ޖޫން މަހު ކަނޑަލައިފައެވެ. ގަތަރުން ވަނީ ސައުދީގެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފައެވެ.

ގަތަރާ އަލުން ގުޅުން ގާއިމްކުރުމަށް ސައުދީން ވަނީ ގިނަ ކަންތައްތަކެއް ޝަރުތުކޮށްފައެވެ. އޭގެ ތެރޭގައި އިރާނާ ގުޅުން ކަނޑާލުން ހިމެނެއެވެ. ނަމަވެސް ގަތަރުން ސައުދީގެ އެދުންތަކަަށް ވަނީ ބީރު ކަންފަތެއް ދީފައެވެ.

އޮމާނަކީ ޕާޝިއަން ގަލްފު ކޯޕަރޭޝަންގެ ކައުންސިލް (ޖީސީސީ)ގެ މެމްބަރެއް ނަމަވެސް ދޭދޭ ގައުމުތަކުގެ ދެމެދުގައި ހިމެނޭ ގައުމުތަކުގެ މައްސަލައިގައި އަބަދުވެސް ގެންގުޅެނީ ވަކިކޮޅަކަށް ނުޖެހުމުގެ ސިޔާސަތެކެވެ. ޖީސީސީގެ މެމްބަރުންގެ ތެރޭގައި ކުވައިތު، ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރެއިން އަދި ޔޫއޭއީ ހިމެނެއެވެ.

މަސްދަރު: ޕްރެސް ޓީވީ

comment ކޮމެންޓް