އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

އަބްދުﷲ ރިޔާޒު ކުރިމިނިލަން ކޯޓު ސަރަހައްދުގައި: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މަދަމާއަށް ވަނީ ތާވަލް ކޮށްފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ އަށް ތާވަލުކޮށްފިއެވެ.

ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ 10:00 ގައެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެގޮމަގުން އޭނާ ހައްޔަރުކޮށް، ފޯނު ހިފަހައްޓައި ޗެކްކުރުމުން އެއިން ދައުލަތުގެ މުވައްޒަފަކާ ރިޔާޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެމަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައިނަމަވެސް ދައުލަތުގެ މުވައްޒަފަކާ އެކު މުވާސަލާތެއް ހިންގުމަކީ ކުށެއް ކަމަށެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ ރިޔާޒަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ރިޔާޒުގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ގާނޫނު ތަންފީޒު ކުރަން ހުރި މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާ އުފުލާފައެވެ. ތަހުގީގަށް ރިޔާޒުގެ ފޯނު ހިފެހެއްޓުމުން ޕިން ކޯޑް ދީފައިނުވާތީ އުފިލި އެ ދައުވާ ރިޔާޒުގެ މައްޗަށް ސާބިތެއް ނުވެއެވެ.

ރިޔާޒުގެ މައްޗަށް މިހާރު ވެސް އަންނަނީ ޝަރީއަތެއް ހިންގަމުންނެވެ. އިދިކޮޅު 12 މަޖިލިސް މެންބަރުންނާއެކު ރިޔާޒުގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ އެވެ.

comment ކޮމެންޓް