މިއަހަރު ރާއްޖޭގައި ބާއްވާ "ރިޔާސީ އިންތިޚާބު 2018"ގެ ޚަބަރުތައް، އެންމެ ތާޒާކަމާއެކު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް، ސަން މީޑިއާ ގްރޫޕްގެ ފަރާތުން ޚާއްސަ ކަވަރޭޖެއް ފަށައިފިއެވެ.
"މޯލްޑިވްސް ޑިސައިޑްސް" (ދިވެހީންގެ ނިންމުން)، މިނަމުގައި މިއަދު ސަން މީޑިއާއިން ވަނީ ޚާއްސަ ފޭސްބުކް ޕޭޖަކާއި ޓްވިޓާރ އެކައުންޓެއްވެސް ލޯންޗުކޮށްފައެވެ. މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭ ތަފާތު ޚަބަރުތައް ތާޒާކަމާއެކު ސަންގެ ކިޔުންތެރީންނާ ހަމައަށް ގެނެސްދިނުމަށާއި މި އިންތިޚާބާ ގުޅޭގޮތުން ސަންއަށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ފަހި މަގެއް ހުޅުވައިލުމުގެވެސް ބޭނުމުގައި ސަންގެ ފަރާތުން ލޯންޗުކުރި ކަވަރޭޖެކެވެ.
"ދިވެހީންގެ ނިންމުން" ފޭސްބުކް ޕޭޖާއި ޓްވިޓަރ އެކައުންޓް، ސަންއިން ލޯންޗުކޮށްފައި ވަނީ ޚާއްސަ ބްރޭންޑިންއެއްގެ ގޮތުގައެވެ. އެގޮތުން، ދިވެހި ގައުމީ ދިދައިގައި ހިމެނޭ ކުލަތަކާއެކު ޚާއްސަ ތީމެއްވެސް ވަނީ ފަރުމާކޮށްފައެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ޕްރައިވެޓް މީޑިއާގެ ހައިސިއްޔަތުން، ސަންއިން އަންނަނީ ރައްޔިތުންނަށް ބޭނުންވާ ތަފާތު މައުލޫމާތުތައް ތާޒާކަމާއެކު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"އަޅުގަނޑުމެންގެ ކަވަރޭޖް މި ފަހަރު ވަރަށް ތަފާތު ވާނެ. މިހާރު މި ވަނީ ޕޭސްބުކް އަދި ޓްވިޓަރ ޕޭޖެއް ތައާރަފްކޮށްފައި. މީފެށުމެއް. މީގެން ސޯޝިއަލް މީޑީއާ މެދުވެރިކޮށް މައުލޫމާތުގެ ފާލަމެއް އެޅިގެންދާނެ. މީގެ އިތުރުން ފޮޓޯ، ވީޑިއޯ ރިޕޯޓް، ތަފާސްހިސާބު އަދި މި ނޫންވެސް އެކި ގޮތްގޮތުން ރައްޔިތުންނަށް އިންތިހާބުގެ މައުލޫމާތު ފަސޭހައިން ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި މި ޕޭޖްތައް ބޭނުން ކުރެވޭނެ،" ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން އަލީ ވިދާޅުވި އެވެ.
ސިނާން ވިދާޅުވީ، ރިޔާސީ އިންތިޚާބާ ގުޅޭ ޕްރޮގްރާމްތައް ސަން ޓީވީންނާއި ސަން އެފްއެމުން ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.