50 ޕަސެންޓް ޑިސްކައުންޓާއެކު މެލޭޝިޔާއިން ރާއްޖެއަށް 500 ސްކޮލާޝިޕް ދީފި

މެލޭޝިއާއިން ލިބެންހުރި ތައުލީމާއި ތަމްރީން އަދި ސްކޮލާޝިޕް އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ފެށި "އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ"ގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މެލޭޝިއާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއަށް 500 ސްކޮލާޝިޕް ދީފި އެވެ.

މެލޭޝިޔާގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސަސްގެ ފަރާތުން ދޭ އެ ސްކޮލާޝިޕް ފުރުސަތުތައް ލިބިފައިވަނީ މެލޭޝިޔާގެ ޕަބްލިކް އަދި ޕްރައިވެޓް 17 ޔުނިވާސިޓީ އަކުންނެވެ.

ސްކޮލަޝިޕްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ތައުލީމާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، މެލޭޝިއާއިން ދެއްވާ އެ ސްކޮލާޝިޕް ތަކުގެ ތެރޭގައި ހިމެނެނީ 100 ޕޯސްޓްގުރެޖުއޭޓް އަދި 400 އަންޑަރ ގްރެޖުއޭޓް ސްކޮލާޝިޕް ކަމަށެވެ.

އެ ހުރިހާ ސްކޮލާޝިޕެއް ވެސް ރާއްޖެއަށް ދީފައިވަނީ ޓިއުޝަން ފީގެ 50 ޕަސެންޓް ޑިސްކައުންޓަކާ އެކުގައިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ކޯހަށް ދައްކަންޖެހޭ ބާކީ ދަރިވަރުގެ އަމިއްލަ ހަރަދުގައި ނުވަތަ ސަރުކާރުގެ ފަރާތުން ސަޕްލިމެންޓަރީ ލޯނެއްގެ ގޮތުގައި ހަމަޖައްސައިދެވޭނެ ކަމަށެވެ.

މެލޭޝިއާއިން ރާއްޖެއަށް މިއަދު ދިން 500 ސްކޮލާޝިޕްގެ އިތުރުން އެޑިއުކޭޝަން ދާއިރާގެ މުވައްޒަފުން ތަރައްގީއަށް ފުލް ފަންޑެޑް 10 ސްކޮލާޝިޕް ވެސް ހިމެެނެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އެ ސްކޮލާޝިޕް ތަކަށް ކުރިމަތިލުމަށް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އާންމުކޮށް އިއުލާން ކުރެވޭނެ ކަމަށެވެ.

އަދި މިހާރު ކުރެވެމުންދާ މަސައްކަތުގެ ދަށުން އޭލެވެލް އިން ތިން ފާސް ލިބޭ ކޮންމެ ދަރިވަރަކަށް ވެސް ތައުލީމީ މެނިފެސްޓޯގެ ދަށުން މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

comment ކޮމެންޓް