ޕުޓްރާޖާޔާ (ޖަނަވަރީ 29): ގުދްސު ހިމާޔަތް ކުރުމާބެހޭ ޕްލޭނެއް އެކަށައެޅުމަށް މެލޭޝިޔާގެ ދީނީ އިލްމުވެރިން ޕުޓްރާޖާޔާގައި ބޭއްވި ބައްދަލުވުމެއް ނިންމާލައިފިއެވެ.
މެލޭޝިޔާގެ ފުންނާބުއުސް ދީނީ އިލްމުވެރިންނާއި އިސްލާމީ މުފައްކިރުންގެ އެތަށް ބަޔަކު ބައިވެރިވެ ވަޑައިގެންނެވި މިބައްދަލުވުމުގައި ގުދްސުގެ ތާރީޚާއި އެސިޓީގައި އިސްލާމީ މަޢާލިމްތައް ބަދަލުކޮށް ގުދްސުގެ އިސްލާމީ އައިޑެންޓިޓީ އުވާލުމަށް އިސްރާއީލާއި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކާއި މާސޫނީ ޖަމާއަތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ފުޅާދާއިރާއެއްގައި ބަލާލަފައިވެއެވެ. އަދި މިކަމާބެހޭ އިލްމީ ދިރާސާތަކާބެހޭ ކަރުދާސްތައް މިބައްދަލުވުމަށް ހުށަހަޅައި މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައިވެއެވެ.
މިކަންތައްތަކުގެ އަލީގައި އެބައްދަލުވުމުން އެކަށައެޅި ގުދްސު ހިމާޔަތް ކުރުމާބެހޭ ޕްލޭން ބިނާވެފައިވަނީ ގުދްސުގެ ތާރީޚާއި އެސިޓީގައި އިސްލާމީ މަޢާލިމްތައް ބަދަލުކުރުމަށް ކުރާކޮންމެ ކަމަކާ ދެކޮޅަށް މުސްލިމުން ސަރުކާރުތަކުގެ ފެންވަރުގައާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ފެންވަރުގައާ އަދި ވަކިވަކިފަރުދުންގެ ފެންވަރުގައި މަސައްކަތް ކުރުމަށެވެ. ގުދްސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ނިންމައި އެސިޓީއަށް އެންބަސީ ބަދަލުކުރާ ގައުމުތަކާ ގުޅުންތައް ކަނޑާލުމަށް އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކަށް އިލްތިމާސް ކުރުންވެސް މިޕްލޭންގައި ހިމެނެއެވެ.
ސުލްހައިގެ ނަމުގައި ފަލަސްތީނުގެ ހައްގުތައް ގެއްލޭގޮތަށް އިސްރާއީލާއެކު ފަލަސްތީނުން ސޮއިކޮށްފައިވާ އޮސްލޯ އެއްބަސްވުންފަދަ އެއްބަސްވުންތަކުން ވަކިވުމަށާއި އެމެރިކާ ފަދަ ގައުމުތަކުން ސުލްހައިގެ ނަމުގައި ހުށަހަޅާ މަކަރުވެރި ހުށަހެޅުންތައް ގަބޫލުނުކުރުމަށާއި ސުލްހައިގެ މެދުވެރިއެއްގެ ގޮތުގައި އެމެރިކާ ބަލައިނުގަތުމަށް ފަލަސްތީނުގެ ސަރުކާރަށް އިލްތިމާސް ކުރުމުންވެސް މި ޕްލޭންގައި ހިމެނެއެވެ. މީގެއިތުރުން އިސްރާއީލުގެ އިސްތިއްމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ މުޖާހިދުންނަށް އެހީތެރިވާނެ މެކޭނިޒަމެއްވެސް މި ޕްލޭންގައިވެއެވެ.
މި ޕްލޭންގައި އިސްލާމީ ގައުމުތަކުގެ ތެރޭން އިސްރާއީލާ ގާތްވުމަށް މަސައްކަތް ކުރާ ގައުމުތަކާ ދެކޮޅަށް ވާހަކަ ދައްކާފައިވެއެވެ. ގުދްސުގެ މައްސަލައާއި ފަލަސްތީނުގެ މައްސަލަ އޮތްގޮތަށް އޮއްވައި އިސްރާއީލާ ގުޅުންތައް ބަދަހިކުރުމަށް ފަރުދާގެ އަނެއް ފަރާތުން މަސައްކަތްކުރާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިޔާއާއި ޔުއޭއީ އަދި ބަހްރައިން ހިމެނެއެވެ. (ނޫސްއެޖެންސީތައް)