ނިއުގެ ފަރިތަކުރުންތަކުން ނަމޫނާ މަންޒަރެއް!

ނިއު ރޭޑިއަންޓުން އިއްޔެގެ ފަރިތަކުރުންތަކުގައި ޓީމު އެއްކޮށް ނަމާދުކުރަނީ --- ފޮޓޯ/ މީސްމީޑިއާ

މި ފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓުން ފަރިތަކުރުންތައް ފެށީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ. އަލަށް ގެނައި ބިދޭސީ ކުޅުންތެރިންނާއެކު ފަރަިތަކުރުންތައް ފަށާފައިވާ ނިއުއިން އިއްޔެގެ ފަރިތަކުރުންތަކުގައި ހުރިހާ ކުޅުންތެރިން އެއްކޮށް ނަމާދުކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް މީސް މީޑިއާގައި މިވަނީ ވައިރަލްވެފައެވެ.

ހާއްސަކޮށް ދުނިޔޭގެ މުސްލިމް ކުޅުންތެރިންގެ ވާހަކަތައް ގެނެސްދޭ އެއް މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައިވާ ފޭސްބުކް ޕޭޖް، 'މުސްލިމް ޕްލޭޔާސް' ޕޭޖުގައިވެސް ނިއުގެ ކުޅުންތެރިން ނަމާދުކުރި މަންޒަރު ދައްކުވައިދޭ ފޮޓޯ ވަނީ ޕޯސްޓްކޮށްފައެވެ.

ނިއުގެ ޓީމު ނަމާދަކުރަނިކޮށް ނަގާފައިވާ ފޮޓޯ 'މުސްލިމް ޕްލޭޔާސް' ފޭސްބުކް ޕޭޖުގައި ---

މި ފޮޓޯއިން ނިއުގެ ޓީމު، ޖަމާއަތެއްގެ ގޮތުގައި ޓާފް ދަނޑުގައި ނަމާދުކުރާ މަންޒަރު ފެންނަ އިރު، މިއީ ރާއްޖޭގެ ޓީމެއްގެ ފަރާތުން ފުޓުބޯޅަ ފަރިތަކުރުންތަކެއްގައި މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރުގެ ސީޒަންގައި ބީޖީ ސްޕޯޓްސް ކްލަބަށް ގެނައި ޕާކިސްތާން ކީޕަރު ސާގިބް ހަނީފް، ފަރިތަކުރުންތައް މެދުކަނޑާލައި ނަމާދުކުރި ވީޑިއޯއެއް ވަނީ ކުރިން އާންމުވެފައެވެ.

މެޗުތަކުން މޮޅުވެ، މުބާރާތްތައް ކާމިޔާބުވުމުން ކުޅުންތެރިން އަދި ޓީމުތަކުން ޝުކުރުގެ ސަޖިދަ ޖަހާ މަންޒަރަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުންނާއި ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ވެސް އާންމު ކަމެކެވެ. އަދި މުސްލިމް ކުޅުންތެރިންގެ ސަބަބުން މުޖުތަމައުގައި މުސްލިމުންގެ ރީތި އާދަތަކާއި އިސްލާމްދީނުގެ ވައްޓަފާޅި އަށަގަންނަކަމީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމެކެވެ.

ހާއްސަކޮށް ދުނިޔޭގެ އެންމެ ބޮޑު ލީގު، ޕްރިމިއާ ލީގުގެ ގިނަ ސަގާފަތްތަކެއް މުސްލިމް ކުޅުންތެރިންގެ އަމަލުތަކާއެކު ވަނީ ބަދަލުވެފައެވެ. ލިވަޕޫލަށް ކުޅެމުން އަންނަ މުހައްމަދު ސަލާހާއި ނިއުކާސަލަށް ކުރިން ކުޅުނު ޑެމްބާ ބާ ފަދަ ކުޅުންތެރިންނަކީ ގޯލް ޖެހުމަށްފަހު އުފާފާޅުކުރުމުގެ ގޮތުން ޝުކުރުގެ ސަޖިދައެއް ޖަހާ ކުޅުންތެރިންނެވެ.

މުހައްމަދު ސަލާހް، ގޯލް ޖެހުމަށްފަހު ސަޖިދަ ޖަހަނީ، ސަލާހްގެ އުފާފާޅުކުރުން ފުޓުބޯޅަ ގޭމް ޕެސް އަދި ފީފާގައިވެސް ވަނީ ހިމެނިފައި --- ފޮޓޯ/ ޕްރޮޕެގެންޑާ

އިނގިރޭސި މީޑިއާތަކުގައި ބުނެފައިވަނީ އެފަދަ ކުޅުންތެރިން ރޯލް މޮޑެލްއެއްގެ ގޮތުގައި ބަލާ ކުދިންގެ ފަރާތުން އިސްލާމްދީނުގެ އުސޫލުތައް ފެންނަމުންދާ ކަމަށާއި، ޕްރިމިއާ ލީގުގެ ސަބަބުން އިނގިރޭސިވިލާތުގެ ސަގާފަތަށް ދީނީ ކަންކަން ވަންނަމުންދާ ކަމަށެވެ.

މީގެ އިތުރުންވެސް އިނގިރޭސި ލީގުގެ މެޗުތަކުގައި މޮޅު ކުޅުންތެރިޔާއަށްދޭ ރާ ފުޅިވެސް ބަދަލުކުރީ ލައިވް ޓީވީގައި މެންޗެސްޓާ ސިޓީގެ ޔާޔާ ޓޫރޭ އެއަށް އިންކާރު ކުރުމުންނެވެ. މިހާރު ރާ ފުޅީގެ ބަދަލުގައި ދެނީ ޝީލްޑެކެވެ.

އެތައްބައެއްގެ ރޯލް މޮޑެލްއަށް ބަލަމުން އަންނަ ފުޓުބޯޅަ ކުޅުންތެރިންނާއި ފުޓުބޯޅަ ޓީމުތަކުގެ ފަރާތުން އިސްލާމީ ރިވެތި އުސޫލްތައް ފެނުމަކީ އުފާވެރި މަންޒަރެކެވެ. ނިއު ރޭޑިއަންޓްގެ ފަރިތަކުރުންތަކުގައި ފެނުނު މަންޒަރަކީ މިފަދަ އުފާވެރި މަންޒަރެކެވެ.

comment ކޮމެންޓް