ދަރުމަވަންތަ ސްކޫލް ދަރިވަރަށް ހަމަލާދިން މައްސަލަ: ހައްޔަރުކުރި ދެ ކުއްޖަކު ދޫކޮށްލައިފި

ދަރުމަވަންތަ ދަރިވަރަށް ހަމަލާދިނުމުން ފުލުހަކު އެހީވަނީ----

ދަރުމަވަންތަ ސްކޫލުގެ ދަރިވަރަކަށް ވަޅިން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ދެ ކުއްޖަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 14 އަހަރުން ދަށުގެ ކުއްޖަކާއި 15 އަހަރުގެ ދެ ކުދިން އަދި 18 އަހަރުގެ ކުއްޖެއް ކަމަށެވެ. އެ ހުރިހާ ކުދިންނަކީވެސް ފިރިހެން ކުދިން ކަމަށް ފުލުހުން ބުނެއެވެ. އެ ކުދިން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ.

އެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާ އާއިލާ އާ ހަވާލުކޮށްފައިވާ ކަމަށާއި 15 އަހަރުގެ ދެ ކުދިންގެ ބަންދާމެދު ގޮތެއް ނިންމަން ޖުވެނައިލް ކޯޓަށް ހާޒިރު ކުރުމުން އެކުދިން ދޫކޮށްލާފައިވާއިރު 18 އަހަރުގެ ކުއްޖާ މިރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ދަރުވަމަންތަ ސްކޫލުގެ ދަރިވަރަށް ވަޅިން ހަމަލާދީފައިވަނީ ސްކޫލް ނިމިގެން ގެއަށް ދިޔަ މަގުމަތީގައެވެ.

މިމަހުގެ 18 ވަނަ ދުވަހު ލިލީ މަގުން ހިނގާފައި ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ދަރުމަވަންތަ ސްކޫލުގެ ގުރޭޑް 9 ގެ ދަރިވަރު މުހައްމަދު އަބާންއެވެ.

އޭނާއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލިތާ މާ ގިނަ އިރުތަކެއްނުވެ އެ ސަރަހައްދުން ދުއްވާފައިދިޔަ މީހެއްގެ ސައިކަލް ފަހަތުގައި ވަނީ އޭޑީކޭއަށް ގެންގޮސްފައެވެ. ފަރުވާ ދިނުމަށްފަހު އަބާން ވަނީ ދޫކޮށްލައިފައެވެ. އޭނާ އަށް މާ ބޮޑު އަނިޔާއެއް ނުވެއެވެ.

comment ކޮމެންޓް