ގޭންގެއް ކަނޑައެޅުމުގެ މައްސަލަ، އެންމެ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ނުބެލޭނެ ކަމަށް ކަނޑައެޅުމަށް، ގާނޫނީ ވަކީލަކު ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
އެނގިފައިވާ ގޮތުގައި، ގޭންގެއް ކަނޑައެޅުމުގެ މައްސަލަ، އެންމެ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ނުބެލޭނެ ކަމަށް ކަނޑައެޅުމަށް، ގާނޫނީ ވަކީލަކު ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓަށްވަނީ ބަލައިގެންފައެވެ.
އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް ފެށިކަމެއް އެނގިފައެއް ނުވެއެވެ. ދުސްތޫރީ މައްސަލަތަކަކީ އާއްމުކޮށް، ހައިކޯޓުން ލައިވްކޮށް ފޮނުވާ މައްސަލަތަކެވެ.
މި މައްސަލަ ހުށަހެޅި ވަކީލު މައްސަލައިގައި ފާހަގަކޮށްފައިވަނީ، ފުރަތަމަ މަރުހަލާގައި ހައިކޯޓުން އެ ފަދަ މައްސަލަތައް ބަލަން ފެށުމުން، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފު ކުރުމުގެ އެއް މަރުހަލާ ގެއްލޭ ކަމަށެވެ.
ގޭންގެއް ކަނޑައެޅުމުގެ މައްސަލަ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅަން ހައިކޯޓަށް މައްސަލައެއް ހުށަހެޅިއިރު، ގޭންގްތައް ހުއްޓުވަން މިދިޔަ އަހަރު ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ހުށަހެޅި ފުރަތަމަ ގްރޫޕެއްގެ ގޮތުގައި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ 'ސްކޫޕު' ގްރޫޕުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުންވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ.
އައްޑޫ ސިޓީގައި ހަރަކާތާތްތެރިވާ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، އާންމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންދަން ހައިކޯޓުން ނިންމައި އެ މައްސަލައިގެ އަޑު އެހުންވަނީ މިހާރު ފަށައިފައެވެ. އެކަމަކު، ތިން މަހެއްހާ ދުވަސްކުރިން އަޑު އެހުންތައް ފެށިނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ޕީޖީ އޮފީހުން ބުނީ، ސްކޫޕު ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅަން ނިންމީ ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކުރުމަށް ފަހުގައި ކަމަށެވެ. އެ ގްރޫޕުގައި ގޭންގެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށާއި މިހާރު ވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ތުހުމަތުކޮށްފައެވެ.
އެ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި، އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވުނު ނުވަ މީހަކީ އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި ކަނޑައަޅައިދޭން ހައިކޯޓުގައި އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި، އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވިފައިވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" ވެސް އުވާލަން ސްޕޯޓްސް ކޮމިޝަނަރަށް އަމުރުކޮށްދެއްވުމަށާއި، "ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "އެސްކޭޕީ" ލިޔެފައިވާ ފާރުތަކާއި އެންމެހާ ތަންތަނުން އެ ނަން ފޮހެލަން އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދޭން އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.