ފާހަގަވީ ދިވެހިންގެ ހިތްހެޔޮކަން، ފުޓުބޯޅައިގެ ހުނަރު ރާއްޖޭގައި އެބަހުރި!

ވޯލްޑް ކަޕް ޓްރޮފީ ޓުއާގައި ރާއްޖެ އައި ހާއްސަ ލެޖެންޑް ކްރިސްޓިއަން ކްރަމްބޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮކާކޯލާ ފީފާ ވޯލްޑް ކަޕުގެ ޓްރޮފީ ޓުއާގައި ވޯލްޑް ކަޕުގެ ޓްރޮފީ އިއްޔެ ރާއްޖެ އައިސްފައިވާ އިރު، މިއަދު މިވަނީ ދިވެހިންނަށް ބޮޑު އީދެއް އައިސްފައެވެ. އާއިލާއާއި ދަރިން ގޮވައިގެން ޓްރޮފީއާއެކު ފޮޓޯ ނަގާލުމަށް މާފަންނު ދަނޑަށް ގިނަ ބަޔަކު ޖަމާވި އިރު، ފުޓުބޯޅަ އަނެއްކާވެސް އެތައް ބަޔަކަށް ހިނިތުންވުން ގެނުވައިފިއެވެ.

މި ހިނިތުންވުން ދެކިލަން ޓްރޮފީއާއެކު ރާއްޖެ އައި ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ކްރިސްޓިއަން ކްރަމްބޭއަށް ދިވެހިރާއްޖޭގެ ރީތިކަމާ އެއްވަރަށް ފާހަގަވީ ދިވެހިންގެ ހިތްހެޔޮކަމާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ.

ވޯލް ކަޕު ޓްރޮފީ ޓުއާ: ޓްރޮފީއާއެކު ފޮޓޯ ނެގުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނޫސްވެރިންނާ ވާހަކަ ދައްކަމުން ކްރަމްބޭ ބުނީ ދިވެހިރާއްޖެއިން ހަމައެކަނި ފާހަގަވީ ރީތި ހިތްގައިމު ފަތުރުވެރިންގެ މަންޒިލެއްކަން އެކަނި ނޫން ކަމަށެވެ. ދިވެހިންގެ ދިރިއުޅުމާއި ދިވެހިންގެ ހިތްހެޔޮކަން އޭނާގެ ހިތް ދަމައިގަތް ކަމަށް ވެސް ފްރާންސްއާއެކު 1998 ގެ ވޯލްޑް ކަޕު އުފުލާލި ކްރަމްބޭ ބުންޏެވެ.

"އެންމެނަށްވެސް އެނގޭ ރާއްޖޭގެ ރެސޯޓްތަކާއި، ރީތި ގޮނޑުދޮށްތަކުގެ ވާހަކަ. އެކަމަކު ރާއްޖެ ރީތި ވަނީ ހަމައެކަނި އެގޮތަކަށް ނޫން. ރާއްޖެ ރީތި ވަނީ ރާއްޖޭގެ މީހުންނާވެސްއެކު. ރާއްޖޭގެ މީހުންގެ ދިރިއުޅުމާ ހިތްހެޔޮކަން." ކްރަމްބޭ ބުންޏެވެ.

ވޯލްޑް ކަޕް ޓްރޮފީ ޓުއާ: ވޯލްޑް ކަޕް ތަށްޓާއެކު ފޮޓޯ ނެގުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މާފަންނު ޓާފްދަނޑަށް ޖަމާވެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްރަމްބޭ ބުނީ ދިވެހިރާއްޖެއިން ޓްރޮފީ ޓުއާއަށް އިއްޔެ ކިޔާފައިވަނީ ހޫނު މަރުހަބާއެއް ކަމަށާއި، މިއަދު މިއީ ހުރިހާ ދިވެހިންނަށްވެސް ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ. ކްރަމްބޭ ބުނީ މި ޓްރޮފީ ދިވެހިންނަށް ދައްކާލާ އިރު، މި ޓްރޮފީއަކީ އެތައް ޖާދުލެއް ގެނުވާ އެއްޗެއްކަން ހަނދާންކޮށްލަދޭން ބޭނުންވާ ކަމަށެވެ.

"ވޯލްޑް ކަޕް ޓްރޮފީއަކީ ތަފާތު، މަދުން ނޫނީ ނުފެންނާނެ އެއްޗެއް. އުންމީދުކުރަނީ ދިވެހި އާއިލާތައް މި ތަޖުރިބާތައް ބަލައިގަނެ، މި ތަޖުރިބާ މުޅި ރާއްޖެއާ ހިއްސާކުރާނެ ކަމަށް،" ކްރަމްބޭ ބުންޏެވެ.

ހަގީގަތުގައިވެސް ވޯލްޑް ކަޕުގެ ޓްރޮފީއަކީ ތަފާތު ތަޖުރިބާއެކެވެ. ފޮޓޯ ނަގަމުންދާ އެތައް ކުދިންނަށް ބުނަމުންދަނީ ހިތުގައި ފުޓުބޯޅަ ކުޅުމުގެ އުންމީދު އާވެއްޖެ ކަމަށެވެ. ކްރަމްބޭ ފަދަ ލެޖެންޑަކާ ދިމާވެ އޭނާގެ ކާމިޔާބުގެ ސަފުގައި ދަތުރުކޮށްލަން ބޭނުންވާ ކަމަށެވެ.

ވޯލްޑް ކަޕް ޓްރޮފީ ޓުއާ: ވޯލްޑް ކަޕް ތަށްޓާއެކު ފޮޓޯނެގުމަށް ގިނައަދަދެއްގެ ބަޔަކު ވަނީ މާފަންނު ޓާފްދަނޑަށް ޖަމާވެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްރަމްބޭ ބުނީ މިއީ ދިވެހި ފުޓުބޯޅައަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. މިފަދަ ޝަރަފުވެރި ޓްރޮފީއެއް ގެނެވުމަކީ ފުޓުބޯޅައިގެ ޖީލުތައް، ހާއްސަކޮށް ގްރާސް ރޫޓް ޕްރޮގްރާމްތަކަށް ވަރަށް ބޮޑު ހިތްވަރަކަށްވާނެ ކަމެއް ކަމަށްވެސް ކްރަމްބޭ ފާހަގަކުރިއެވެ.

"ޓްރޮފީ ގެނައުން ވެގެންދާނީ ދިވެހި ފުޓުބޯޅައަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް، ހާއްސަކޮށް ފުޓުބޯޅައިގެ ޅަ ޖީލުތައް، ގްރާސް ރޫޓް ކުރިއެރުވުމަށާއި، ފުޓުބޯޅައިގެ ޕްރޮމޯޝަނަށް މިއީ ތަފާތު ތަޖުރިބާއަކަށްވާނެ،" ކްރަމްބޭ ބުންޏެވެ.

ކްރަމްބޭ ބުނީ އޭނާއަށް އެނގިފައިވާގޮތުގައި ދުރުނޫން މާޒީގައި ރާއްޖެއިން، ވަރުގަދަ އިންޑިއާ ބަލިކޮށް ސާފް ޗެމްޕިއަންޝިޕް ނެގި ކަމަށާއި، އޭގެ ސަބަބުންވެސް ދިވެހިރާއްޖޭގައި ފުޓުބޯޅައިގެ ހުނަރުހުރިކަން އެނގޭ ކަމަށެވެ. އަދި ވޯލްޑް ކަޕު ޓްރޮފީ ޓުއާ ފަދަ އިވެންޓްތަކާއެކު އެ ހުނަރު އަލުން ގަނައުމަށް އެތައް ބައެއްގެ އުންމީދުތައް އާވާނެ ކަމަށްވެސް ކްރަމްބޭ ފާހަގަކޮށްލިއެވެ.

ކްރިސްޓިއަން ކްރަމްބޭ، ކޮކާކޯލާގެ އޮފިޝަލުންނާއި ދިވެހި ކުދިންނާއެކު ފުޓްބޯޅަ ކުޅެނީ --- ފޮޓޯ/ މުހައްމަދު އަފްރާހް

ފީފާ ވޯލްޑް ކަޕަކީ ހުވަފެންތައް ހަގީގަތަކަށް ހަދާދޭ އެއްޗެއް ކަމަށާއި، ފީފާ ވޯލްޑް ކަޕަކީ ވޯލްޑް ކަޕުގައި ކުޅޭ ތަރިންނަށްވުރެ އެ ޓްރޮފީއަކީ ބޮޑު ތަރިއެއް ކަމަށް ބުނަމުން ކްރެމްބޭ ބުނީ އަދިވެސް ފީފާ ވޯލްޑް ކަޕު އުފުލާލި ވަގުތު ކުރެވުނު ފުން އިހުސާސް ހަނދާން އެބަހުރި ކަމަށެވެ. އަދި މިއަދު ދިވެހިންނަށް ވޯލްޑް ކަޕު ތަށްޓާއެކު ހަނދާންތަކެއް ގެޔަށް ގެންދެވޭނެ ކަމަށްވެސް ކްރަމްބޭ ބުންޏެވެ.

ކްލަބު ކެރިއަރުގައިވެސް ގިނަ ކާމިޔާބީތަކެއް ކްރަމްބޭ ވަނީ ހޯދައިފައެވެ. ހާއްސަކޮށް ރެއާލް މެޑްރިޑާއެކު އޭނާ އުފުލާލި ދެ ޗެމްޕިއަންސް ލީގު ފާހަގަކޮށްލެވެއެވެ. ގައުމީ ޓީމާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕު އަދި 2000 ވަނަ އަހަރުގެ ޔޫރޯ ވެސް އުފުލާލި ކްރެމްބޭ ބުނީ ރެއާލް ފަދަ ކްލަބުތަކާއެކު ކުޅެލަން ލިބުމަކީ ޝަރަފެއް ނަމަވެސް ހަގީގަތުގައި އެންމެ ފަހުރުވެރިވާ ކާމިޔާބީއަކީ ވޯލްޑް ކަޕު އުފުލާލެވުން ކަމަށެވެ.

ވޯލްޑް ކަޕުގެ ޓްރޮފީއާއެކު ދިވެހިންނަށް މިވަނީ އީދެއް އައިސްފައެވެ. ކްރަމްބޭ ފަދަ ކާމިޔާބު ލެޖެންޑަކާ ބައްދަލުކޮށްލައި ވޯލްޑް ކަޕުގެ އޮރިޖިނަލް ޓްރޮފީއާއެކު ފޮޓޯ ނެގުމަށް އެތައްބަޔަކު ވަނީ މާފަންނު ސްޓޭޑިއަމްއަށް ޖަމާވެ، ޓްރޮފީއާއެކު ފޮޓޯ ނަގައިފައެވެ.

comment ކޮމެންޓް