ގައުމީ އެއާލައިން ޓްރިވެންޑްރަމަށް ދަތުރުކުރާތާ 10 އަހަރު، މިއަދު ހާއްސަ ލަކީޑްރޯއެއް

މިއަދަކީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީދާ ދަތުރުތަކުން އަވަށްޓެރި އިންޑިއާގެ ޓްރިވެންޑްރަމާ ރާއްޖެއާ ގުޅައިދިންތާ 10 އަހަރު ފުރުނު ދުވަހެވެ.

ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިއެންޑް އޭވިއޭޝަނުން ވަނީ ކާމިޔާބު 10 އަހަރު ފާހަގަކުރުމުގެ ގޮތުން، މޯލްޑިވިއަނުން މިއަދު މާލެއާއި ޓްރިވެންޑްރަމާ ދެމެދު ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ދެފަރާތަކަށް މި ސެކްޓަރުގައި ދަތުރުކޮށްލުމަށް ހިލޭ ޓިކެޓެއް ދޭގޮތަށް ހަމަޖައްސައިފައެވެ.

ރާއްޖޭގެ ގައުމީ އެއާލައިންގެ ދަތުރުތައް ޓްރިވެންޑްރަމަށް ފެށީ 25 ޖެނުއަރީ 2008 ގައެވެ. އޭރު ޑޭޝް 8 މަރުކާގެ އެއާކްރާފްޓާ އެކު ފެށި ދަތުރުތަކުގައި އެންމެ ބާރު ބޮޑު ދުވަސްކޮޅަށް ބަލާފައި، ދުވާލަކު ތިން ފްލައިޓްވެސް ބާއްވާފައި ވެއެވެ.

މިހާރު މޯލްޑިވިއަންގެ ދަތުރުތައް ކޮންމެ ދުވަހަކު ޓްރިވެންޑްރަމަށް ބާއްވާއިރު، މި ދަތުރުތަކުގައި އެއާބަސް ފްލައިޓްތައް ބޭނުންކޮށްގެން ހަފްތާއަކު ހަތަރު ދަތުރު ބާއްވައެވެ. އަދި ހަފްތާގެ އަނެއް ތިން ދުވަހު ދަތުރުތައް ބާއްވަނީ ޑޭޝް 8ގެ ބޯޓުގައެވެ.

އައިލެންޑް އޭވިއޭޝަންގެ މީޑިއާ ކޯޑިނޭޓަރު އަލީ ނަޝާތު ހަމީދު މިއަދު "ސަން"އަށް ވިދާޅުވީ، ޓްރިވެންޑްރަމަށް ގައުމީ އެއާލައިން ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މި ޚާއްސަ މުނާސަބަތުގައި އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތްކުރި އިންޑިއާގެ އަދި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ފަރާތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ނަޝާތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން ހޯދި ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ އެ އެއާލައިންގެ ކަސްޓަމަރުންގެ ފަރާތުން އެއާލައިނަށް ކުރި އިތުބާރު ކަމަށެވެ.

"މި މުނާސަބަތު ފާހަގަކުރުމަށް ޚާއްސަ މޯލްޑިވިއަންގެ މި ސެކްޓްރުގައި ދަތުރުކުރާ ފަސިންޖަރުންގެ މެދުގައި ޚާއްސަ ލަކީޑްރޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި. މާލެ-ޓްރިވެންޑްރަމް، އަދި ޓްރިވެންޑްރަމް-މާލެ، މިއިން ކޮންމެ ސެކްޓަރަކުންވެސް ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ދެކޮޅު ޓިކެޓެއް ހިލޭ ލިބިގެންދާނެ،" ނަޝާތު ވިދާޅުވިއެވެ.

މޯލްޑިވިއަންގައި މިވަގުތު އެއާބަސް ދެ ބޯޓާއި، ޑޭޝް މަރުކާގެ ނުވަ ބޯޓާއި ޓްވިން އޮޓާ މަރުކާގެ 13 ސީޕްލޭން އޮވެއެވެ.

comment ކޮމެންޓް