ހުޅުމާލެ މަގުތަކުން ޑަސްބިންތައް ނަގަނީ

އެޗްޑީސީން ހުޅުމާލެ ސާފުކުރަނީ.ހުޅުމާލޭގެ މަގުތަކުގައި ހުރި ޑަސްބިންތައް ނަގަން އެޗްޑީސީން ވަނީ ނިންމައިފައި-- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ނެއިބަހުޑް އެކެއް އަދި ތިނެއްގެ މަގުތައް މަތީގައި ހުންނަ ޑަސްބިންތައް ނަގަން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފިއެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެސިސްޓެންޓް ކޮމިއުނިކޭޝަން އޮފިސަރު ފާތުމަތު ނައުފާ "ސަން" އަށް ވިދާޅުވީ ޑަސްބިންތައް ނަގަން ނިންމީ، އެ ޑަސްބިންތަކަށް ކޮންމެ މީހަކަށްވެސް ކުނި އުކާލެވޭ ގޮތަށް މިހާރު އޮތުމުންް، ޑަސްބިންތައް ކައިރިއަށް ބައެއް މީހުން ކުނި އުކަމުން ގެންދާތީ ކަމަށެވެ.

އެޗްޑީސީގެ އޮފިޝަލު ވިދާޅުވީ އެކަމާ ގުޅިގެން ސިއްހީ ދާއިރާގެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. އޭގެ އިތުރުން އެސަރަހައްދުތަކުގައި މަދިރި އާލާވާ މައްސަލަވެސް ބޮޑުވެފައިވާތީ، ޑަސްބިންތައް ނެގުމަށް އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން ލަފާ ދީފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މިހިނގާ ޖެނުއަރީ މަސް ނިމުނުގެ ކުރިން ނެއިބަހުޑް އެކެއް އަދި ތިނެއްގެ މަގުތަކުން ޑަސްބިންތައް ނަގާނެ ކަމަށެވެ.

ހުޅުމާލޭގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ކުނި އުކައިދިނުމުގެ ޚިދުމަތްވެސް ދެމުން ގެންދާ އިރު، އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންވެސް ކުނި އުކާލުމުގެ ކަންކަން ވެމްކޯ މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް