ސިޓީއާ ދޭތެރޭ މީހުން ދެކޭގޮތް ބިނާ ކުރާނީ ހޯދާ ޓްރޮފީން: ގާޑިއޯލާ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ --- ފޮޓޯ/އޭޕީ

މެންޗެސްޓާ ސިޓީއާ ދޭތެރޭ މީހުން ދެކޭ ގޮތް ބިނާކުރާނީ ހޯދާ ޓްރޮފީން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީން ލީގު ކަޕުގެ ސެމީފައިނަލް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ބްރިސްޓަލް ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުވެސް ކާމިޔާބުކޮށްފައި އޮތް ސިޓީން ފައިނަލަށް ދަތުރުކުރީ އެގްރިގޭޓް 5-3 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ސިޓީން މިހާރު ގުނަމުންދަނީ ކްލަބުގެ އެންމެ ކާމިޔާބު ދުވަސްތައް ކަމަށާއި ކްލަބެއްގެ ކާމިޔާބީއަށް އެންމެ މުހިއްމުވާނީ ހޯދާ ޓްރޮފީ ކަމަށެވެ.

ގާޑިއޯލާ ބުނީ ކާމިޔާބު ކްލަބެއް ބިނާ ކުރުމަށް ލީގު ކަޕް، އެފްއޭ ކަޕްގެ އިތުރުން ޔޫރަޕްގެ ޓްރޮފީތައްވެސް ހޯދަން ޖެހޭނެ ކަމަށާއި ވެމްބްލީގައި ލީގު ކަޕްގެ ފައިނަލް ފަސޭހަ ނުކޮށްލާނެ ކަމަށެވެ.

މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ކުޅޭ ދެވަނަ ސީޒަނެވެ. މި ސީޒަންގައި ސިޓީ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކޮށްފައިވާ ސިޓީ އޮތީ އިނގިރޭސި ލީގުގެވެސް އެއްވަނައިގައެވެ. އަދި ސިޓީ އެއްވަނައިގައި އޮތީ 12 ޕޮއިންޓްގެ ލީޑަކާވެސް އެކުގައެވެ.

comment ކޮމެންޓް