ލިބުނީ ހައްގު އެވޯޑެއް ކަމަށް ގަބޫލު ކުރަން: މަޖޫ

އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދި މަރިޔަމް މަޖުދާ (މަޖޫ)---

އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު އަންހެން ބަތަލާގެ މަގާމް ލިބުނު މަރިޔަމް މަޖުދާ (މަޖޫ)އަށް ލިބުނީ ހައްގު އެވޯޑެއް ކަމަށް އޭނާ ބުނެފިއެވެ.

މަޖޫ ސަން އަށް ބުނީ އޭނާއަށް ލިބުނީ ހައްގު އެވޯޑެއް ކަމަށް ގަބޫލު ކުރާކަމަށެވެ. އަދި ފިލްމު "ވާށޭ މަށާ އެކީ"އަށް ވެސް ލިބުނީ ހައްގު އެވޯޑް ތަކެއް ކަމަށް ގަބޫލުކުރާކަމަށް ބަތަލާ ބުންޏެވެ.

"މަޖޫ ގަބޫލު ކުރަން ލިބުނީ ހައްގު އެވޯޑެއް ކަމަށް. ޖަޖުން ނިންމީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ކުރަން. ޖަޖުން ވަރަށް ރަނގަޅަށް ފިލްމުތައް ބަލައި ރަނގަޅު ނިންމުމެއް ނިންމާފައި އެއޮތީ. ހައްގު ނޫން އެވޯޑެއް ކަމަށް ގަބޫލެއް ނުކުރަން،" މަޖޫ ބުންޏެވެ.

އެންމެ މޮޅު ބަތަލާގެ މަގާމް ލިބުނު މަރިޔަމް މަޖުދާ (މަޖޫ)---

"ވާށޭ މަށާ އެކީ"އިން މަޖޫއަށް އެންމެ މޮޅު ބަތަލާގެ މަގާމު ލިބުނުއިރު އެ ފިލްމަށް ވަނީ މުޅި ޖުމްލަ ނުވަ އެވޯޑް ލިބިފައެވެ. އެއާއެކު އެ ފިލްމު ވެގެން ގޮސްފައިވަނީ އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ ކާމިޔާބު ފިލްމަށެވެ.

އެވޯޑް ހަފްލާގެ ނޮމިނޭޝަންތައް އިއުލާން ކުރި ހިސާބުން ފެށިގެން ބައެއް ތަރިން ވަނީ ނޮމިނޭޝަން ތަކާ މެދު ނުރުހުން ފާޅުކޮށްފައެވެ. އެވޯޑް ހަފްލާ ކުރިއަށް ދިޔަ ގޮތާ ބެހޭ ގޮތުން ސަން އިން ސުވާލުކުރުމުން ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުނީ އެވޯޑު ހަފްލާގައި އެވޯޑުތައް ދިން އިރު އެއީ "ސަޕްރައިޒަކަށް ނުވި" ކަމަށެވެ. ނޮމިނޭޝަންތައް އިއުލާނު ކުރި ހިސާބުން ދެން ވާނެ ގޮތް އެނގުނު ކަމަށް ނަހުލާ ބުންޏެވެ.

ހާއްސަކޮށް އޭނާގެ ފިލްމު "4426" އަށް ކުރި މަސައްކަތްތަކާ ބަލާފައި މުހިއްމު އެއްވެސް އެވޯޑަކަށް ފިލްމު ނޮމިނޭޓު ވެފައި ނުވާތީ އޭނާ ވަނީ އެވޯޑުގެ ޖަޖުންގެ "ނަޒާހަތްތެރިކަމާމެދު" ވެސް ސުވާލު އުފައްދައިފައެވެ.

"ވާށޭ މަށާ އެކީ" އަށް ވަނީ ޖުމްލަ ނުވަ އެވޯޑް ލިބިފައި----

އެވޯޑްތަކާ މެދު ހިތްހަމަ ނުޖެހޭ ބައެއް ތަރިން ތިބި ނަމަވެސް ބައެއް ތަރިން ބުނީ އެވޯޑްތައް ހައްގު ވާން ޖެހޭ މީހުންނަށް އެވޯޑް ހައްގުވެފައިވާ ކަމަށެވެ.

comment ކޮމެންޓް