ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން މިއަދު ދިރާގާ ގުޅިގެން އެ ސްކޫލްގެ ކެފެޓީރިޔާގައި ދިރާގު ޕޭ ތައާރަފްކޮށްފިއެވެ.
ދިރާގުން ބުނީ އިއްޔެ ތައާރަފްކުރެވުނު ހިދުމަތާއެކު ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުންނަށް ކޭޝް ނުލައި މޯބައިލް ފޯނުގެ ހިދުމަތުން ކެފެޓީރިޔާއިން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގެ ފަސޭހަކަން މަގުފަހިވެގެންދާނެ ކަމަށެވެ.
އެ ހިދުމަތަކީ ނިއަރ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެ ހިދުމަތެކެވެ.
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ދިރާގު ޕޭގެ ހިދުމަތް ބޭނުންކުރާނީ ސްކޫލް ކެފެޓީރިއާގައި ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ، ސްކޫލްގައި އެ ހިދުމަތް ދަރިވަރުންނަށް ބޭނުންކުރެވޭނީ އެންއެފްސީ ސްޓިކާއެއް ނުވަތަ މޯބައިލް ނަންބަރަކާއި ޕިން ނަންބަރަކާއެކީގައެވެ. އަދި ދިރާގު ޕޭ ނުވަތަ ޑިޖިޓަލް ވޮލެޓް މެނޭޖްކުރާނީ ބެލެނިވެރިން ކަމުގައިވެސް އެކުންފުނިން ބުންޏެވެ.
"އެ ހިދުމަތުގެ ސަބަބުން ބެލެނިވެރިންނަށް ފަސޭހަކަމާއެކު ކުދިންގެ އިންޓަވަލް ހަރަދު މެނޭޖްކޮށް މޮނިޓާކުރެވުމުގެ އިތުރުން ދަރިވަރުންގެ ޓްރާސެކްޝަންތައް ވަގުތުން ވަގުތަށް ދިރާގު ޕޭ އެޕް މެދުވެރިކޮށް ބެލެނިވެރިޔާއަށް ބަލާލެވޭނެ. އަދި ޓްރާންސެކްޝަނެއް ހިނގާ ކޮންމެ ފަހަރަކު ބެލެނިވެރިޔާގެ ފޯނަށް އެސް.އެމް.އެސް އެއްވެސް ދާނެ،" ދިރާގުން ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތައާރަފް ކުރި ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.