މަރީއާއެކު ކުރެވުނު ފުރަތަމަ ތަޖުރިބާ ވަރަށް ސަޅި: ޝަހޫ

ފިލްމީ ތަރި ފިލްމީ ތަރި މަރިޔަމް ޝަހުޒާ--- ފޮޓޯ/ ޝަހުޒާ

"ތިޔަ ލޯތްބާ ދުރަށް" އަކީ މަރިޔަމް މޫސާ (މަރީ) އާ އެކީ ކުރެވުނު ފުރަތަމަ ތަޖުރިބާއަށް ވީނަމަވެސް އޭނާއާ އެއްކޮށް މަސައްކަތް ކުރަން ފަސޭހަކަމަށް އެ ފިލްމުގެ ތަރި މަރިޔަމް ޝަހްޒާ (ޝަހޫ) ބުނެފިއެވެ.

ޝަހޫ ސަން އަށް ދިން އިންޓަވިއުއެއްގައި ބުނީ މަރީ އަކީ އެކުގައި މަސައްކަތްކޮށްލަން ވަރަށް ފަސޭހަ އަދި ކަމަށް ކަމޭހިތާ މީހެއް ކަމަށެވެ.

"އަސްލު ޝޫޓިން ކަންތައް ދިޔައީ ވަރަށް ސަޅިކޮށް. ވަރަށް ފަސޭހަ. މަރީގެ އެއްބާރުލުން ވަރަށް ލިބުނު. ހުރިހާ ތަރިންވެސް ވަރަށް އެހީތެރިވެދިން،" "ތިޔަ ލޯތްބާ ދުރަށް"ގެ ބަތަލާ ބުންޏެވެ.

ފިލްމީ ތަރި މަރިޔަމް ޝަހުޒާ (ޝަހޫ)--- ފޮޓޯ/ ޝަހުޒާ

ޝަހޫ ބުނީ "ތިޔަ ލޯތްބާ ދުރަށް" ޝޫޓްގެ ކަންތައް ކުރިއަށް ދިޔައިރު އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތި ނުވާ ކަމަށާއި މަރީ ހުރިހާ ކަމެއްވެސް މެނޭޖްކުރާ ގޮތް ވަރަށް ފުރިހަމަކަމަށެވެ.

"މަރީ ހީ ނުވޭ ފުރަތަމަ ފީޗާ ފިލްމެއް އުފައްދާ ހެން. ހީވަނީ ހަމަ ދިހަ ވަރަކަށް ފީޗާ ފިލްމު ޑައިރެކްޓްކޮށްފަ ހުރިހެން. ވަރަށް ކުޅަދާނަ މަރީ،" އޭނާ ބުންޏެވެ.

މުސްތަގްބަލުގައި އެހެން ފިލްމަކުން ފެނިދާނެތޯ ސަން އިން ސުވާލުކުރުމުން ޝަހޫ ބުނީ އަދި މިވަގުތު އެއްވެސް ފިލްމެއްގެ މަސައްކަތެއް ނެތް ކަމަށެވެ.

"ފިލްމަކުން ނުފެންނާނެއެކޭއެއް ނުބުނާނަން. އެކަމަކު ފިލްމަކަށް ވުރެ ބޮޑަށް ލަވައަކުން މިއަހަރު ފެނުމުގެެ ފުރުސަތު ބޮޑީ،" އައްޑޫ ސިޓީގައި މި ވަގުތު ދިރިއުޅެމުންދާ ބަތަލާ ބުންޏެވެ.

އަންނަ އޭޕްރީލް 21 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަަލިހާ ވަހީދު (މަލް) އެވެ. މީގެ އިތުރުން 2000 ގެ އަހަރުތަކުގެ ތެރޭގައި ވީޑިއޯ ލަވަތަކުން ވިދާލި މަރިޔަމް ޝަހުޒާ (ޝަހޫ) ގެ އިތުރުން ޝަހޫގެ ފިރިމީހާ އަހުމަދު އަމަން (ޓޮމް)ގެ އިތުރުން ސްރީލަންކާގެ ތަރިއެއް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

"ތިޔަ ލޯތްބާ ދުރަށް"ގެ ޕޯސްޓަރެއް---

ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ އަވައްޓެރި ސްރީލަންކާގައެވެ.

ފިލްމުގެ ޓިކެޓް ބުކް ކުރަން އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ އިރު އެ ފިލްމަކީ ތިނެސްކަން ލޯބީގެ މައްޗަށް އުފައްދާ ރީތި ފިލްމެކެވެ.

comment ކޮމެންޓް