މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރެއްގެ ގިނަ ދުވަސްތަކެއްވަންދެން ހުންނެވި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ނުލައި، 2018 ވަނަ އަހަރަށް އެ ޖަމިއްޔާގެ ބޯޑު އެކުލަވައިލައިފިއެވެ.
މަޓީގެ ފައުންޑިންގް މެމްބަރުންގެ ތެރޭގައިވެސް ހިމެނޭ ގާސިމްއަކީ އެޖަމިއްޔާގެ ބޯޑުގައި 19 އަހަރު ވަންދެން ހުންނެވި ބޭފުޅެެކެވެ. އަދި މިދިޔަ ތިން އަހަރު ދުވަހު ގާސިމް ހުންނެވީ މަޓީގެ ޑެޕިއުޓީ ޗެއާމަންގެ ގޮތުގައެވެ.
މަޓީގެ އެގްޒެކެޓިވް ބޯޑު އެކުލަވާލާފައިވަނީ، މިއަދު ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި އެ ޖަމިއްޔާގެ 28 ވަނަ އާންމު ޖަލްސާގައެވެ.
ޖަލްސާއަށް ހާޒިރުވި މަޓީގެ މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކާ އެކު މަޓީގެ ޗެއާމަން ކަމަށް އައްޔަން ކޮށްފައިވަނީ މީގެ 27 އަހަރު ކުރިން މަޓީ އުފެދުނީއްސުރެ، މަޓީގެ ޗެއާމަންކަން ކުރެއްވި ޔުނިވާސަލް އެންޓަޕްރައިސަސް ގްރޫޕުގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)އެވެ.
މަޓީގެ ޗެއާމަންގެ ނައިބުން ކަމަށް މިއަދުގެ ޖަލްސާއިން އިންތިޚާބުކޮށްފައި ވަނީ، އެ މަގާމުތައް ފުރައްވަމުން ގެންދަވާ، ކްރައުން ކޮމްޕެނީގެ ޗެއާމަން (ޗަމްޕާ) ހުސައިމް އަފީފާއި ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓ ސަލާހް ޝިހާބްއެވެ.
މަޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އިންތިޚާބުކުރީ މިހާރު ވެސް އެ މަގާމުގައި ހުންނެވި، ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު އަހްމަދު ނަޒީރެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްކަމަށް ޑްރިފްޓްވުޑް މޯލްޑިވްސްގެ އައްސަދު އަލީއާއި ޔުނިވާސަލް ރިސޯޓްސްގެ ވިޝާ މާހިރު އައްޔަނުކޮށްފައިވާ އިރު، ޖަމިއްޔާގެ ފައިނޭންޝަލް ކޮންޓްރޯލަރުކަމަށް އިންތިޚާބުކުރީ، މިހާރު ވެސް އެ މަގާމު ފުރުއްވާ، ލިލީ ހޮޓެލްސްގެ އަހްމަދު ހަފީޒެވެ.
މަޓީގެ އެންމެ އިސްވެރިންގެ އިތުރުން، އެގްޒެކެޓިވް ބޯޑަށް ވަނީ މެމްބަރުންގެ ގޮތުގައި އަށް ބޭފުޅަކު އައްޔަނުކޮށްފައިވެއެވެ.
- އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް ރިސޯޓްސްގެ ޗެއާމަން)
- އިބްރާހިމް ސިޔާދު ގާސިމް (ވިލާ ޝިޕިންގްގެ މެނޭޖިންގް ޑިރެކްޓަރު)
- އިސްމާއިލް ސިޔާން ގާސިމް (ވިލާ ހޮޓެލްސް)
- އިބްރާހިމް ނޫރައްދީން (މިރިހި އައިލެންޑް ރިސޯޓު)
- އާއިޝަތު ނީނާ އަހްމަދު (އެނބޫދޫ ވިލެޖު)
- އިޔާޒް ވަހީދު (ޔުނިވާސަލް ރިސޯޓްސް
- އާދިލް މޫސާ (މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް))
- ޒުލައިހާ މަނިކު (ސަން ޓްރެވަލްސް)