ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާ އޮތް ވާދަވެރިކަން ވަރަށް ބޮޑު ކަމަށާއި، އެ ވާދައިގައި ރާއްޖެ ބާކީވެ ދިޔަ ދީގެން ނުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި މަޓީގެ 28 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޔޫ މަނިކު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއާ އޮތް ވާދަވެރިކަން ބޮޑު ނަމަވެސް، ރާއްޖެއަކީ އެދާއިރާގައި ތަފާތު ގައުމެއް ކަމަށެވެ. އަދި އެކަން އަބަދުވެސް އެހެން ގައުމުތަކަށް ހަނދާންކޮށްދޭން ޖެހޭނެ ކަމަށްވެސް މަނިކު ވިދާޅުވިއެވެ.
މަނިކު ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ރަނގަޅު އަހަރެއް ކަމަށާއި، މިހާރު ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ހުރިހާ ފަރާތްތަކެއް ގުޅިގެން ފަތުރުވެރިކަން އިޝްތިހާރު ކުރުން ކަމަށް މަނިކު ވިދާޅުވިއެވެ.
"މިއީ ކުރީގެ ޖަލްސާތަކުގައިވެސް އަޅުގަނޑު ދަންނަވާ ވާހަކައެއް. ރާއްޖެ ޕްރޮމޯޓުކުރުމަށް ފެއިލްވެއްޖެ ނަމަ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ވަރަށް ބޮޑަށް ބާކީވެގެން ދާނެ. މި މަގުސަދަށްޓަކައި، ރާއްޖެ ޕްރޮމޯޓު ކުރުމަށްޓަކައި ގިނަ ވަސީލަތްތަކެއް ބޭނުންކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަންވެއްޖެ،" މަނިކު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަނިކު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށީގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ފާހަގަ ކުރައްވައިފައެވެ.
މަނިކު ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ތަފާތުވަނީ ރާއްޖޭގެ ގުދުރަތީ ތިމާވެށީގެ ސަބަބުން ކަމަށާއި އެ ތިމާވެށި ރައްކާތެރި ކުރުމަށް ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
މިއަދު ކުރުނބާ މޯލްޑިވްސް ރިސޯޓްގައި ބާއްވާ އެ ޖަމިއްޔާގެ 28 ވަނަ ޖަލްސާއަށް އެ ޖަމިއްޔާގެ ގިނަ އަދަދެއްގެ މެންބަރު ވަނީ ހާޒިރުވެފައެވެ.