ދިއްލީގެ ބަޑިބޭސް ފެކްޓަރީއެއްގައި ރޯވެ 17 މީހަކު މަރުވެއްޖެ

ދިއްލީގެ ބަޑިބޭސް ފެކްޓަރީއެއްގައި ރޯވުމުގެ ސަބަބުން މަރުވި މީހެއްގެ އާއިލާގެ މެމްބަރެއް -- ފޮޓޯ: އޭޕީ

ދިއްލީ (ޖެނުއަރީ 21): އިންޑިއާގެ ނިއު ދިއްލީގެ ބޭރުފުށުގައި ހުންނަ ބަޑިބޭސް ފެކްޓަރީއެއްގައި އިއްޔެ ރޯވެ 17 މީހަކު މަރުވެއްޖެ އެވެ.

ދިއްލީގެ ފަޔާ ސާވިސެސް އިން ބުނި ގޮތުގައި ފެކްޓަރީގެ ސްޓޯރޭޖް ޔުނިޓުގައި ރޯވި އެ އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ތިން ގަޑި އިރު ފަހުންނެވެ. އަދި އެހާދިސާގައި މަރުވި މީހުންގެ ތެރޭގައި 10 އަންހެނުންނާއި ހަތް ފިރިހެނުން ހިމެނޭ ކަމަށް ފަޔާ ސާވިސެސްއިން ބުންޏެވެ.

ދިއްލީގެ ފުލުހުން ވަނީ އެހާދިސާގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އެހާދިސާ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ.

އިންޑިއާގެ ފެކްޓަރީތަކުގައި ސަލާމަތީ ފިޔަވަޅުތަކަށް އަމަލު ނުކުރުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާއްމުކަމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހު މަދްޔަ ޕްރަދޭޝްގެ ބަޑިބޭސް ފެކްޓަރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 23 މީހަކު މަރުވެފައިވެ އެވެ. (އޭޕީ)

comment ކޮމެންޓް