ވެން ޕާސީ އެނބުރި އޭނާގެ ފުރަތަމަ ކްލަބަށް

ވެން ޕާސީ ފެރެނޫޑަށް ކުޅުނު ދުވަސްވަރު --- ފޮޓޯ/ގެޓީ

އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުނު ނެދަލޭންޑްސްގެ ފޯވާޑް ރޮބިން ވެންޕާސީ އޭނާގެ ސީނިއާ ކެރިއަރު ފެށި ފެޔަނޫޑަށް ސޮއިކޮށްފިއެވެ.

މިދިޔަ ސީޒަންގައި ފެނަބާޗޭއަށް ކުޅުމަށްފަހު ވެން ޕާސީ ޑަޗް ލީގުގެ ފެޔެނޫޑަށް ސޮއިކޮށްފައިވަނީ ވޭތުދިޔަ ދެ ސީޒަންގައިވެސް ތުރުކީގެ ފެނަބާޗޭގައި ހޭދަކުރުމަށްފަހު ފްރީ އޭޖެންޓެއްގެ ގޮތުގައެވެ.

ދެހާސް އެއްވަނަ އަހަރު ވެން ޕާސީގެ ސީނިއާ ކެރިއަރު ފެޔެނޫޑުން ފަށައި އޭނާވަނީ ހަތަރު އަހަރު އެ ކްލަބުގައި ހޭދަކޮށްފައެވެ. 2004 ވަަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް އިނގިރޭސި ލީގުގެ އާސެނަލްގައި ހޭދަކުރި ވެން ޕާސީވަނީ އެ ކްލަބަށް 194 މެޗު ކުޅެ 96 ގޯލް ޖަހާފައެވެ. އަދި ކޮމިއުނިޓީޝީލްޑާއި އެފްއޭ ކަޕުވެސް ކާމިޔާބުކޮށްފައެވެ.

އާސެނަލްއަށް ކުޅުމަށްފަހު 2012 އިން 2015 އަށް ވެން ޕާސީ ހޭދަކުރީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގައެވެ. އޭނާވަނީ އެޓީމަށް 86 މެޗު ކުޅެދީ 48 ގޯލް ޖަހާފައެވެ. މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރި ތިން ސީޒަނުގެ ތެރޭގައި އޭނާވަނީ ލީގުވެސް ކާމިޔާބުކޮށްފައެވެ. އިނގިރޭސި ފުޓުބޯޅައިގައި ގިނަ މެޗުތަކެއް ކުޅުމަށްފަހު ފެނަބާޗޭއަށް ބަދަލުވެ ވެންޕާސީވަނީ ކުޅުނު 57 މެޗުން 25 ގޯލް ޖަހާފައެވެ.

ދެހާސް ފަސްވަނަ އަހަރުން ފެށިގެން ނެދަލޭންޑް ގައުމީ ޓީމަށް ކުޅެމުން އަންނަ ވެން ޕާސީވަނީ 102 މެޗު ކުޅެ 52 ގޯލް ޖަހާފައެވެ. ނެދަލޭންޑްސްއާއެކު 2010 ވަނަ ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކޮށް ވެން ޕާސީވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިންވަނަ ހޯދި ނެދަލޭންޑްސް ޓީމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.

comment ކޮމެންޓް