ރެއާލްއާ ގުޅުނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ބޭނުމުގައި: ބޭލް

ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގެރެތު ބޭލް --- ފޮޓޯ: އޭޕީ

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގެރެތު ބޭލް އެ ކްލަބާ ގުޅުނީ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ރެއާލް ދަތުރުކޮށްފައި ވަނީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 ލަނޑުން މޮޅުވެގެންނެވެ. ބޭލް ހުރަހެއް ނެގުމަށް ފޮނުވާލި ބޯޅަ ސިޓީގެ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ފެނާންޑޯ ފައިގައި ޖެހިފައި ބައިކޮޅަށެވެ.

"ލަނޑަކީ ބައިކޮޅަށް ވަން ގޯލެއްތޯ ނުވަތަ ނޫންތޯ ބަލާކަށް ނުޖެހޭ. އަދި ގޯލު ޖެހީ ކާކުތޯ ވެސް ބަލާކަށް ނުޖެހޭ. އެންމެ މުހިންމު ކަމަކީ އަނެއްކާ ވެސް ޗެމްޕިއަންސް ލީގެއް ކާމިޔާބުކުރުމުގެ ފުރުސަތެއް ލިބުން. އަހަރެން ރެއާލްއާ ގުޅުނު ސަބަބަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން. އަހަރެންނަށް އެއް ތަށި މިހާރު ލިބިއްޖެ. އަދި އަނެއްކާ ވެސް އިތުރު ތަށްޓެއް ހޯދަން ފުރުސަތު މި ލިބުނީ،" އޭނާ ބުންޏެވެ.

މި ސީޒަނުގައި ބޭލް ވަނީ ރަނގަޅު ކުޅުމެއް ނުދެއްކި ގިނަ ދުވަސްތަކެއް ހޭދަކޮށް ބޮޑު ޕްރެޝަރަކާ ކުރިމަތިލައިފަ އެވެ. އެ ޕްރެޝަރާ ކުރިމަތިލާން ޖެހެނީ ބޭލްއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ޓެގް އޮތުމުން ކުރިމަތިވި ޕްރެޝަރެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަވެރި އަދި އަވަށްޓެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލް ނުކުންނާނީ މި މަހުގެ 28 ވަނަ ދުވަހު މިލާނުގެ ސެން ސީރޯ ސްޓޭޑިއަމްގަ އެވެ. އެ ފައިނަލު ވެގެންދާނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ރެއާލް ކުޅޭނެ 14 ވަނަ ފައިނަލެވެ.

comment ކޮމެންޓް