ޝެފީލްޑް އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކައިފަ / ފޮޓޯ: ޕީއޭ

އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ޔުނައިޓެޑު ކާމިޔާބު ކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑަށެވެ. ނަތީޖާ މިގޮތަށް ދެއްކި ނަމަވެސް މިމެޗުވީ ޔުނައިޓެޑަށް ވަރަށް އުނދަގޫ މެޗަކަށެވެ.

މިމެޗުގައި ގިނަބަޔަކަށް ހައިރާންކަން ލިބުނީ މެޗުގެ 35 ވަނަ މިނެޓުގައި ޝެފީލްޑްއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުމުންނެވެ. އެ ލަނޑު ޖެހީ، ޔުނައިޓެޑްގެ ކީޕަރު އަންޑްރޭ އޮނާނާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖޭޑަން ބޮގުލްއެވެ. ނަމަވެސް ޝެފީލްޑްއަށް މިލީޑު ދެމެހެއްޓޭގޮތްވީ ހަތް މިނެޓު ވަންދެނެވެ. އެގޮތުން ޔުނައިޓެޑްގެ ހެރީ މެގުއާ މެޗުގެ 42 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

އެ ލަނޑާއެކު ޔުނައިޓެޑްގެ ކުޅުން ރަނގަޅުވާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސް މިނެޓުގެ ތެރޭގައި އަނެއްކާވެސް ފެނުނީ ޝެފީލްޑްއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގި ތަނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ބެން ބްރެރެޓަން ޑިއާޒްއެވެ.

މިމެޗުގައި ދެވަނަ ފަހަރަށް ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ. އޭނާ މެޗުގެ 81 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑުވެސް އެޓީމަށް ފުރަތަމަ ފަހަރަށް ނަގައިދިނެވެ.

ހަމައެއާއެކު މެޗުގެ 85 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ފަހު ލަނޑު ރަންމުސް ހޮއިލުންޑް ޖަހާފައިވަނީވެސް ފެނާންޑެޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ފެނާންޑޭޒްވަނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ހަތް ލަނޑު ޖަހައިދީ ދެ ލަނޑު ޖެހުމަށް އެހީތެރިވެފައެވެ. މިމެޗު ޔުނައިޓެޑުން ކާމިޔާބު ކުރި ނަމަވެސް އެންމެ ފަހުން އެފް އޭ ކަޕް ސެމީފައިނަލްގައި ކޮވެންޓްރީ އަތުން އެންމެ ފަހު ވަގުތު ޕެނަލްޓީ ޖަހައިގެން މޮޅުވި މޮޅުވުމާއި މިމެޗުގައި ތާވަލްގެ އެންމެ ފުލުގައި އުޅޭ ޝެފީލްޑް އަތުން އުނދަގުލުން މޮޅުވުމުން އެޓީމަށް އަންނަނީ ފާޑު ކިޔުން އަމާޒުވަމުންނެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ. އަދި ޝެފީލްޑް އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ. މިސީޒަންގައި ޝެފީލްޑް މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. އަދި މުޅި ސީޒަންގައި ވަނީ ބައިކޮޅަށް 92 ލަނޑު ވަދެފައެވެ. މިއާއެކު މިލީގު 38 މެޗަށް ބަދަލުވިފަހުން މިއީ އާ ރިކޯޑެކެވެ. މިރިކޯޑް ކުރިން އޮތީ 89 ލަނޑާއެކު ޑާބީ ކައުންޓީ އަތުގައެވެ.

މިސީޒަންގައި ބާކީ އޮތް މެޗުތަކާއެކު 42 މެޗު ކުޅުނު އިރު 1993-94 ވަނަ ސީޒަންގައި ސުވިންޑަން ކޮޅަށް ވަދެފައިވާ 100 ލަނޑުގެ ރިކޯޑާ ހަމަވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

comment ކޮމެންޓް